އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖެއިން ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަން ގެ ސްކޮޑު އިއުލާނު ކޮށްފިއެވެ.
އެ އެސޯސިއޭޝަނުން އިއުލާނުކުރި ސްކޮޑުގައި ދެ ޖިންސުގެ އެތްލީޓުން ހިމެނޭހެން ޖުމުލަ 27 އެތުލީޓުން ވަނީ ހިމަނާފައެވެ.
އެއީ ރިލޭ ޓީމާއި އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައި ގައެވެ.
އެސޯސިއޭޝަނުން ބުނީ ފައިނަލް ޓީމު އެކުލަވާލާނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށެވެ.
މީގެ ކުރިންވެސް އައިއއޯއައިޖީން ރަނގަޅު ކާމިޔާބީތަކެއް ހޯދި ކުޅިވަރެއްގެ ގޮތުގައި އެތުލެޓިކްސް ވާއިރު، ރާއްޖެއިން އެކުލަވާލި ސްކޮޑުގައި ރާއްޖެއިން ބޭރުގައި ތަމްރީނުތައް ހަދަމުންދާ އެތްލީޓުން ވެސް ހިމެނެއެވެ.
އޭގެ ތެރޭގައި ޖެމެއިކާ އާއި އިންޑިއާގައި ތަމްރީނުތައް ހަދަމުންދާ އެތުލީޓުން ސްކޮޑުގައި ވަނީ ހިމަނާފައެވެ.
މި ސްކޮޑުގައި ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ 15 ފިރިހެން ދުވުންތެރިންނަކީ ހަސަން ސާއިދު، އިބާދުﷲ އާދަމް، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު މިންހާލް ޝާމިން އެވެ. އަދި ހުސައިން ޒީކް ސުއާދު، އަހުމަދު ނަޖުދާން އަބްދުﷲ، ޒިއުޒް މުހައްމަދު ސުއާދު، ނުޖޫމް ހަސަން، އާދަމް ރިއްފަތު އެވެ.
މީގެ އިތުރުން ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އަހުމަދު ވިސާމް އާއި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި މުހައްމަދު އިރުފާން އާއި އަބްދުއްރަޝީދު އިސްމާއިލް އަދި ޔޫސުފް އިބްރާހިމް ވަނީ ހިމަނާފައެވެ.
ގައުމީ އެތުލެޓިކްސް އަންހެން ސްކޮޑުގައި ހިމެނެނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، ޒިވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، އަހުނާ ނިޒާރު އެވެ. އަދި އާމިނަތު ލަޔާނާ މުހައްމަދު، މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒުނާ ފާއިޒު ވެސް ހިމެނެއެވެ.
މި ސްކޮޑުގައި ދެން ހިމެނެނީ އާމިނަތު ޖައިޝާ ޖުނީޒް އާއި މަރިޔަމް އަބްދުލްކަރީމް އާއި ޝަމްހާ އަހުމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!