ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ ކުންފުނިތަކުގެ ނަމުގައި ސްކޭމްތަކެއް ހިންގަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި މެސެޖުތައް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަކަމަށެވެ.
ފުލުހުން ވަނީ މިގޮތަށް އަންނަ އެއްވެސް މެސެޖެއްގައިވާ ލިންކަށް ނުފިތުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
އެފަދަ މެސެޖެއް އަތުވެއްޖެނަމަ، ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކުރައްވާ، ފުލުހުންގެ އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް ވެސް ވަނީ އެދިފައެވެ.
ރާއްޖެއާއި ރާއްޖެެއިން ބޭރުގައި ވެސް މިފަދަ ސްކޭމް ކޯލުތަކާއި މެސެޖުތަކުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް އަންނަނީ ބަދަލުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!