އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދި ހަވީރު މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ލިވަޕޫލުގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
އަނިޔާގެ ސަބަބުން މިއަދުގެ މެޗަށް ސިޓީން ނުކުމެފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް ނުލައެވެ. ހާލަންޑް ވަނީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް ސިޓީއަށް 42 ލަނޑު ޖަހައިދީފައެވެ. ސިޓީގެ ފޯވާޑް ލައިންގައި މިއަދު ހާލަންޑް ނެތް ނަމަވެސް އެ ޓީމްގެ އެޓޭކްގައި މަހްރޭޒްއާއި ގްރީލިޝްގެ އިތުރުން ހޫލިއަން އަލްވަރޭޒް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗު ފަށައިގެން ސިޓީން ޑޮމިނޭޓް ކުރިނަމަވެސް ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ލިވަޕޫލްގެ ހާފުތެރެއިން އާނޯލްޑް ސިޓީގެ ޑިފެންސްގެ ފަހަތަށް ކުޅުނު ބޯޅަ އެ ޓީމްގެ ޖޮޓާ ވަނީ ކޮންޓްރޯލްކޮށް އޭރިއާތެރެއިން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ފުރުޞަތު ސަލާހްއަށް ހޯދައިދީފައެވެ. ސަލާހްވަނީ ލިބުނު ފުރުޞަތުގެ ބޭނުންހިފައި ގޯލުގެ މަތީކަނަށް އެ ބޯޅަ ވައްދާލާފައެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން ސިޓީއާއި ދެކޮޅަށް ސަލާހް ކުޅުނު 18 މެޗުގައި އޭނާ ސިޓީ ގޯލަށް ވައްދާލި 11 ވަނަ ލަނޑެވެ.
ސިޓީން ވަނީ ފުރަތަމަ ހާފުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ލިވަޕޫލްގެ ހާފުތެރެއިން މަހްރޭޒްއަށް ލިބުނު ބޯޅަ ހިފައިގެންވަދެ އޭނާ ވަނީ އަރިމަތީ ހުރި ގްރީލިޝްއަށް ޖައްސާލާފައެވެ. ގްރީލިޝް ވަނީ އެއްފަހަރުން އެ ބޯޅަ ލިވަޕޫލްގެ އޭރިއާތެރޭ ހުރު އަލްވަރޭޒްއަށް ތިރިތިން ކުޅެލާފައެވެ. އެ ބޯޅަ އަލްވަރޭޒް ވަނީ ފަސޭހަކަމާއިއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގައި ސިޓީން ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްތެރޭ، މެޗުގައި މޮޅު ކުޅުމެއް ދެއްކި މަހްރޭޒް ތަނަވަސް ކޮށްދިން ފުރުޞަތުގައި ޑި ބްރޭނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ސިޓީގެ ތިންވަނަ ލަނޑު 53 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއް ލިވަޕޫލްގެ ޑިފެންޑަރ އާނޯލްޑް ބްލޮކް ކުރި ވަގުތު ލިބުނު ބޯޅަ ގޯލުގެ ކައިރިކަނަށް ވައްދާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ގުންޑަގަންއެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 74 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގްރީލިޝްއެވެ. މި މެޗުގައި ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތުތަކެއް ލިވަޕޫލަށް ހޯދިފައިނުވާއިރު، އެ ޓީމްގެ ފަރާތުން ފެނުނީ ވެސް ދަށް ކުޅުމެކެވެ.
މި ނަތީޖާއާއިއެކު ސިޓީން ވަނީ އެއްވަނާގައި އޮތް އާސެނަލްއާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއްވަނާގައި އޮތް އާސެނަލްއަށް 28 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ވަނީ 28 މެޗުން 64 ޕޮއިންޓް ލިބިފައެވެ. މި މެޗުން ބަލިވުމުން ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލަށް ވަނީ މުހިންމު ތިން ޕޮއިންޓް ގެއްލިފައެވެ. ލިވަޕޫލް މިވަގުތު އޮތީ ކުޅުނު 27 މެޗުން ލިބުނު 42 ޕޮއިންޓާއިއެކު ތާވަލުގެ 6 ވަނާގައެވެ.
މިރޭ އާސެނަލް، ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނަ މެޗު ކާމިޔާބު ކޮށްގެން ސިޓީއާއި ދެމެދު އޮތް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބަ އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!