ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުން ޕާޓީ ދޫކޮށްލާއިރު، ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކޮށް ކަމުގެ ޙަޤީޤަތް ހާމަކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޖޭޕާ އިސްވެ އޮވެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައި، އެ ޕްރައިމަރީއަށް ޤާސިމް ކުރިމަތިލައްވާފައިވާއިރު، ސަރުކާރުގެ އެކި މަޤާމުތަކުގައި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖޭޕާ ދޫކޮށް، ރައީސް ޞާލިޙަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ. އަދި އެކަން ހާމަކޮށް އޭގެ ތެރެއިން ބައެއް ބޭފުޅުން އާންމު ކުރެއްވި ސިޓީތަކުގައި އެއީ ޤާސިމާއި ޕާޓީއަށް ހެޔޮއެދޭތީ ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފަވެއެވެ.

Ad
rt

ޖޭޕީން ވަކިވެ، ރައީސް ޞާލިޙަށް ތާއީދު ދެއްވި ބައެއް ބޭފުޅުން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

''ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟'' ޤާސިމް ސުވާލުކުރައްވާފަވެއެވެ.

ޖޭޕީ ރިޔާސީ ރޭހަށް ނުކުންނަން ނިންމުމާއެކު ފުރަތަމަ ޕާޓީ ދޫކޮށްލެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ. އެއަށްފަހު އެންމެފަހުން އޮތް ޖޭޕީގެ ޤައުމީ ކޮންފަރެންސްގައި ނައިބު ލީޑަރަކަށް ވާދަކުރައްވައި ނާކާމިޔާބީއާއި ކުރިމަތިވިތާ ކުޑަ ދުވަސްކޮޅެއްތެރޭ އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ވެސް ވަނީ ޖޭޕީ ދޫކޮށްލައްވާފައެވެ.

އޭގެފަހުން ޖޭޕީ ދޫކޮށްލެއްވީ ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ. ވަލީދާ ވެސް ޕާޓީ ދޫކޮށްލެއްވީ ޕާޓީގެ އެތެރޭގެ ދެ އިންތިޚާބެއްގައި ނާކާމިޔާބީއާއި ކުރިމަތިވެފައި ވެސް ވަނިކޮށެވެ. އޭގެފަހުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުހައްމަދު ސަލީމް (ސޯނީ) އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް ވެސް ވަނީ ޖޭޕީ ދޫކޮށްލައްވާފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު ވެސް ރައީސް ޞާލިޙަށް ދެއްވިއިރު، ޖޭޕީގެ ސްލޮޓެއްގައި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަގާމެއްގައި ހުންނަވާ ސޮބާޙް ރަޝީދު ވެސް މިއަދު ވަނީ ޖޭޕީ ދޫކޮށްލާފައެވެ.