ރޭ ބެލްޖިއަމްއާއި ޖަރުމަނު ބައްދަލުކުރި ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. ރޭ ޖަރުމަނުގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

މިއީ ފާއިތުވި 69 އަހަރު ތެރޭ ބެލްޖިއަމަށް ޖަރުމަނުގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބެލްޖިއަމުން ޖަރުމަނު ބަލިކޮށްފައި ވަނީ 1954 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ދެ ޓީމް ޖުމްލަ 16 ފަހަރެއްގެ މަތީން ބައްދަލުކޮށްފައި ވީ ނަމަވެސް އޭގެ ތެރެއިން 15 ފަހަރު ބެލްޖިއަމް ވަނީ ޖަރުމަނުގެ އަތްދަށުވެފައެވެ. އެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ.

Ad
rt

ރޭގެ މެޗުގެ ފުރަތަމަ 10 މިނެޓްގެ ތެރޭ ބެލްޖިއަމުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކަރެސްކޯ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 9 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ލުކަކޫއެވެ. މި ލަޑު ލުކަކޫ ޖަހާފައި ވަނީ ވެސް ޑި ބްރޭނާގެ އެހީތެރިކަމާއި އެކުގައެވެ.

ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ފުލްކްރޫގް އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބެލްޖިއަމަށް ތިންވަނަ ލަނޑު ޖަހައިދީފައި ވަނީ ރޭ މޮޅު ކުޅުމެއް ދެއްކި ޑި ބްރޭނާއެވެ. ޖަރުމަނުގެ ދެވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސާޖް ގްނަބްރީ އެވެ.