ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ތެދެއް ކަމަށާއި ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ.

Ad
rt

މިކަމާއި ގުޅިގެން 'ތިލަދުން' އަށް ޝިފާޒު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އަދި ޗިޓެއް ނުލިބޭ. ގަބޫލެއްވެސް ނުކުރަން އެކަމެއް. އަޅުގަނޑު ވަކިވިކަމަށް ގަބޫލު ކުރެވޭނީ އެކަމުގެ ޗިޓު އަޅުގަނޑަށް ލިބުނީމަ." ޝިފާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ މެމްބަރުން ވަޒީފާއިން ވަކިކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޝިފާޒަކީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

ޝިފާޒު އެ މަގާމުން ވަކިކޮށްފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެ ޕާޓީގެ ރައީސް ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެކު މަސައްކަތް ކުރުމުގެ މަޝްވަރާތައް ވެސް ވަނީ ފަށާފައެވެ.

ޝިފާޒަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅަކަށްވާއިރު، ނަޝީދު ހިންގަވާ 'ފިކުރެއްގެ ދިރުން' ހަރަކާތުގައި ވެސް ޝިފާޒު ގެންދަވަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ.

މީގެ އިތުރުން ނަޝީދުގެ ފެންޝަންގައި ހިމެނޭ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.