ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ ޒަކާތު ފަންޑުން ވޭތުވެދިޔަ ތިން އަހަރު ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިޔުމުގައެވެ.

Ad
rt

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިސްލާމިކް މިނިސްޓަށް ހުށަހަޅުއްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ، " ފުދުންތެރިކަން ނެތް މީހުނަށް ޒަކާތުފަންޑުގެ ދަށުން އެހީތެރިކަން ދިނުމުގެ އުސޫލު" ގެ ދަށުން ކަމަށެވެ. އަދި އެއީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު 22،578،835.77، 2020 ވަނަ އަހަރު 6،335،337 ރުފިޔާ އަދި 2021 ވަނަ އަހަރު 7،023،499 ހަރަދު ކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.