ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ.
އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މި މާރިޗު މަހުގެ 26 ގައެވެ.
އެ އަމުރުގައި ބުނެފައިވަނީ، ހާދިސާ ހިނގި ގޮތުގެ ފުޓޭޖާއި ދިފާއުން ހުށަހަޅާފައިވާ ފުޓޭޖުން ހާދިސާ ހިނގި ގޮތް ފެންނަ ކަމަށާއި ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށެވެ.
އެހެންވެ، މި ދެ މީހުން ޝަރުތުކުރުމަށްފަހު ދޫކުރަން ނިންމައިފިނަމަ، މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށް ފެންނާތީ އެ ދެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުގެ އަމުރުގައި ވެއެވެ.
އެ ދެ މީހުން ދޫކޮށްލާފައިވަނީ އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހުގައެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގެ ތުހުމަތުގައި އަންހެނަކު ހިމެނޭ ގޮތަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ހަތަރު މީހަކު މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހައްޔަރުކުރިއިރު، މި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ފަސްވަނަ މީހަކު ހައްޔަރުކުރީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ފަސް މީހުންގެ ތެރެއިން އަންހެން މީހާއާއި ފިރިހެނެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބާކީ ތިބި ތިން މީހުންގެ ތެރެއިން 54 އަހަރުގެ މީހާ ފިޔަވައި ދެން ތިބި ދެ ފިރިހެނުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އުމުރުން 54 އަަހަރުގެ މީހާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!