ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރުގެ ރޭޓިން ދަށްކުރާނެކަމެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ލިޔުމުން ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ.
ބޮންޑާ ވަނީ 2021 ވަނަ އަހަރުގެ ކަރަންޓް ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯ އާއި 2022ވަނަ އަހަރަށް ލަފާކުރާ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮބައިތޯއާއި ދައުލަތުގެ ދަރަނި ބޮޑުއިރު، ދަރަނި މަދުކޮށް ރީސްޓްރަކްޗަރ ކުރުން މުހިންމު ކަމަކަށް ވާއިރު، ދަރަނީ ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ ސުވާލުކުރައްވާފައެވެ.
އޭގެ ޖަވާބުގައި އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކުރުން ކަމަށެވެ. އަދި 2023 އިން 2025 އަށް ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ކަނޑައަޅާފައިވާނީ މިކަންކަން ހިމަނައިގެންކަމަށެވެ.
މީގެ އިތުރުން 2021 ވަނަ އަހަރު ދައުލަތުން ނަގާފައިވާ ސީދާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިޔޯއަކީ 118 އިންސައްތަ ކަމަށާއި އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 100 އިންސައްތަ އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 އިންސައްތަ ކަމަށް ވެސް ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނީ 111 އިންސައްތައިގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!