ދިވެހި މީޑިއާގެ ދަފުތަރެއް އެކުލަވާލައި އާއްމުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެމްއެމްސީ އިން ނިންމާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތައް ހިމެނޭހެން އެއް މަސްދުވަހުގެ ތެރޭގައި ދަފްތަރެއް އެކުލަވާލުމަށެވެ.
ދިވެހިސަރުކާރުގެ ގެޒެޓުގައި، އެމްްއެމްސީން އާއްމުކުރި އުސޫލުގައިވާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ އާއްމު މައުލޫމާތާއި ނޫސްމަޖައްލާތައް ނެރުމަށް ހަމަޖެހިފައިވާ ގޮތް އެ އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގައި އޮންނާނެ އެވެ.
"ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު"ގެ ނަމުގައި ޝާއިއުކުރި އެ އުސޫލުގައިވާ ގޮތުން، އެމްއެމްސީން އެކުލަވައިލާ ދަފުތަރު، އެ ކައުންސިލްގެ ވެބްސައިޓުގައި އާއްމުކޮށް ފެންނާނެހެން ބަހައްޓަން ޖެހޭނެއެވެ. އަދި އެ ދަފުތަރު ކޮންމެ ތިން މަހަކުން އަދާހަމަކުރަމުން ގެންދަން ޖެހޭނެއެވެ.
އެ އުސޫލުގައިވާ ގޮތުން، އެމްއެމްސީން މީޑިއާތަކުގެ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަން ޖެހެނީ އެއީ ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ބެލެނިވެރިފަރާތް ކަމަށް ވާތީއެވެ.
މީޑިއާތަކުގެ ދަފުތަރެއް އެކުލަވައިލެވިފައި ނުވާތީ މީޑިއާތަކާ ގުޅޭ އެކިއެކި މައްސަަލަތައް ބެލުމާއި މީޑިއާތަކާ ގުޅޭ މަސައްކަތްތައް ކުރަން މީޑިއާ ކައުންަސިލަށް ދަތިތައް ކުރިމަތިވި ކަމަށާއި އާ އުސޫލާ އެއްގޮތަށް ދަފުތަރު އެކުލަވައިލުމުން އެކަން ހައްލުވާނެ ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!