ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗް ދަތުރުކުރަމުންދިޔައެވެ. ފަޅުވެރިންގެ އިތުރުން ލޯންޗްގައި ތިބީ އަހަންނާ، އަހަރެންގެ މަންމަގެ އަދި ފިރިމީހާއެވެ. އަހަރެމެންގެ އަލަތު ދަރިފުޅު އޮތީ ފިރިމީހާގެ އުނގުގައި ނިދިފައެވެ. އިރުއިރުކޮޅުން އަހަންނަށް ދަރިފުޅާދިމާލަށް ލޯތްބާއެކު ބަލާލެވެއެވެ. އޭރު، އަހަރެންގެ މަންމަ، ނިދި ޖެހި ޖެހި އިނެވެ. ކަނޑު މަޑުކަމުން ދުއްވާލަން ވަރަށް އަރާމުދުވަހެކޭވެސް އަހަންނަށް ބުނެލެވުނެވެ.

ފަޅުތެރެއަށް ލޯންޗް ވަނުމާއެކު، ފާލަންމަތީގައި ތިބި މީހުންތައް އަހަންނަށް ފެނުނެވެ. އެމަންޒަރުފެނި ހިތް އުފަލުން ބަންޑުންވިފަދައެވެ. ދެފަރާތުގެ އާއިލާއާ ރައްޓެހިން އަހަރެމެންނަށް މަރުޙަބާ ކިޔަން އައިސް ތިއްބެވެ. ދަރިފުޅު ދެކިލާ، އުރާލާހިތުންނެވެ. އަހަރެމެންގެ ޙާލު ބަލާލާހިތުންނެވެ. ލޯންޗް ކައިރި ކުރުމާއެކު ފިރިމީހާ ދަރިފުޅު އުރާލައިގެން ފާލަމަށް ފޭބިއެވެ. ފިރިމީހާގެ ފަހަތުން އަހަރެންވެސް ފޭބީމެވެ.

Ad
rt

އެންމެ ފުރަތަމަ ދަރިފުޅު އުރާލީ މައިދައިތައެވެ. އެއާއެކު އެންމެންތައް މައިދައިތަ ވަށާލީ ދަރިފުޅު ދެކޭހިތުންނެވެ. ފޯރި ބަލަން ހިނިތުންވެފައި އަހަންނަށްވެސް ހުރެވުނީއެވެ.

" ހުދާއާ ހާދަ ވައްތަރޭ! "

އަހަރެންގެ ގައިގައި އަތް ޖައްސާލަމުން އަހަރެންގެ އެކުވެރިޔަކު ބުންޏެވެ. ރައްދުގައި އަހަރެން ހީލީމެވެ.

" އެހެންވާނު! މިއޮތީ ހަމަ މިސޮރު ބައްޕަ! ތަފާތެއްވެސް ނެތް! "

އޭނާއަށް ބަލާލަމުން މައިދައިތަ ބުނެލީ ދަރިފުޅުގެ ކޮލުގައި އިނގިލި ޖައްސާލަމުންނެވެ. މާ ގިނައިރުތަކެއްނުވެ، ކާރެއް އައުމުން އަހަރެމެން ކާރަށް އެރީމެވެ. އަހަރެންގެ މަންމަ ދިޔައީ ގޭ މީހުންނާއެކު މަންމަގެ ގެއަށެވެ.

ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަނުމާއެކު އުފަލުން އަހަރެންގެ ހިތް ފޮޅިގެން ދިޔައެވެ. ދަރިފުޅަށް މަރުޙަބާ ކިޔުމުގެ ގޮތުން ނޫކުލައިގެ ފުއްޕާހަންތަކުން ކޮޓަރި އޮތީ ފުރާލާފައެވެ.

" މުޙައްމަދު ހޫދު ހަނީފް"

އަހަންނަށް ކިޔާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ކަރުދާހެވެ.

" ވަރަށް ފުރިހަމަ! މީ ކޮންބައެއްގެ މަސައްކަތެއްތަ؟ "

ނިދާފައި އޮތް ހޫދު އެނދުގައި ބާއްވާލަމުން އަހަރެން އަހާލީ މައިދައިތަ ގާތުގައެވެ. އޭރު އަހަރެމެން ގެނައި އެއްޗެހި ކޮޓަރިއަށް ވެއްދުމުގައި އަވަދިނެތި އަހަރެންގެ ފިރިމީހާ ހަނީފް އުޅެއެވެ.

" މީ ހަނީފްގެ ތިއްތަގެ ކަންތައް! ހޫދު އަންނާތީ އެންމެންވެސް ވަރަށް އުފަލުން މިތިބީ! މިކަންވެސް ދެން މި ނިމުނީތާ! ދެން ސައިބޯން ދާންވީނު!"

ހެނދުނުއްސުރެ ދަތުރުގައި އުޅެން ޖެހުމުން އަހަރެންވެސް ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން ފެންވަރަންވެސް ބޭނުންވީ އެއްޗެއް ކާލައިގެންނެވެ.

" ތެދެއް ހުދާ! އުޅޭ ސައިބޯންދާން..."

ވަރުބަލިކަމާއެކު ހަނީފް ބުނެލިއެވެ. އޭނާ އެހެން ބުނުމުން އިތުރަށް ލަސްނުކޮށް އަހަރެން ހިނގައިގަތީމެވެ. އަދިވެސް އަހަރެން އެއްކޮށް "ފިޓް" ނުވާތީ ހިނގެނީވެސް ވަރަށް މަޑުންނެވެ. އަހަރެން ހިނގައިގަތުމާއެކު ހަނީފް އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. ދެމީހުން އެކުގައި ކޮޓަރިން ނިކުމެވުނީ ހަނީފްގެ އެކުވެރިއެއްގެ ކުރިމައްޗަށެވެ.

" ހޭ! ނިއު ޑެޑީ! ކޮބާތަ ދަރިފުޅު؟ އޮފީހުން ގެއަށް ދަމުން ހިތަށް އެރީ ވަދެލާނަމޭ! " ހަނީފްގެ ކޮނޑުގައި ޖަހާލަމުން އޭނާ ބުނެލީ ފުޅާ ހިނިތުންވުމަކުންނެވެ.

" ނިދިފަ އޮތީ މިވަގުތު! " އޭނާއަށް ހިނިތުންވެލަމުން ހަނީފް ބުންޏެވެ.

" އެހެންތަ؟ އެކަމަކުވެސް ދެކިލާފަ ދާނީ! އަދި އަންނާނަން އަންހެނުން ގޮވައިގެން..."

އޭނާ އެހެން ބުނެ އެތެރެއަށް ވަނުމުން ހަނީފް އަހަންނާއެކު ހިނގައިގަތީ ކާގެއާ ދިމާލަށެވެ. ސައިބޯން އިން އިރުގައިވެސް އަހަރެންގެ ސިކުނޑީގައި ތަފާތު ޚިޔާލްތައް އުފެދެމުންދެއެވެ.

" ހުދާ ކޮންކަމަކާ މާ ފިކުރު ބޮޑުވެފައި ތިއިނީ؟ ވަރަށް ބޮޑަށް މާޔޫސްވެފައި އިންނަހެން ހީވަނީ! "

ހަނޑުލު ގުޅައެއް ހަފާލަމުން ހަނީފް އަހާލިއެވެ. އޭރު ހަނީފް ހުރީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

" ނޭނގެ! އެއްވެސް ކަމެއްނުވެ! އެކަމަކުވެސް ހަމަ ދެރަވަނީ! އުފަލެއްނުވެ! "

އަހަންނަށް ބުނެވުނެވެ. ހަމައެކަނި އެވަރަށް ބުނެލައިގެންވެސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންކަމުން ހިތަށް އަރަމުންދިޔަ އެއްޗެހި ފަސޭހަކަމާއެކު ދުލާއިހަމައަށް ފޯރައިފިއެވެ.

" އެއްވެސް މީހަކު އަހަރެންގާތު ކިހިނެއްތޯ އަހައެއްނުލާ! އެދަރިފުޅު ދެކިލަން އެންމެންވެސް ބޭނުންވަނީ! އެދަރިފުޅު އުފަން ކުރަން ހުރިހާ ވޭނެއް އުފުލީ މި މަންމަ! އެދަރިފުޅަށްޓަކައި ހުރިހާ ކަމެއް ޤުރުބާންކުރީ މި މަންމަ! އަޅެ ކީއްވާނީ އަހަރެން ކިހިނެއްތޯ އަހާލަން! އަހަރެންގައިގައި އަޅާ ވޭނާ، އެ ބުރަ ދުވަސްތައް އަދިވެސް އަހަރެންގެ ހިތުން ނުދޭ! ދަރިއަކު އުފަން ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން ގައިމު ކޮންމެ އަންހެނަކަށްވެސް އެނގޭނެ! އެކަމަކު.... އެމީހުންވެސް އަހަރެންގެ ޙާލު އަހައެއްނުލާ! އެއީ ކީއްވެތަ ހަނީފް؟ އަހަރެންވެސް އުފާވާނެ އެއްނު ކިހިނެއްހޭ އަހާލިއްޔާ! "

އެހިސާބަށް ބުނެވުމާއެކު އަހަންނަށް ރޮވުނެވެ. އަހަންނަށް ޙަޤީޤަތުގައިވެސް ވަރަށް އަސަރު ކުރުވިއެވެ. ބަނދަރުމަތިންވެސް އެންމެން ދަރިފުޅުގާތަށް އެއްވެ، އުރާ، ބަލާ ހެދި އިރު އެކަކަށްވެސް އަހަރެންގެ ޙާލަތެއް ފާހަގައެއް ނުކުރެވުނެވެ.

" އެކަމާ ނުވިސްނާ ލޯބި! އެއީ އެންމެންގެވެސް ގޮތް! އަހަރެން މިހުރީނު! އަބަދުވެސް އަހަރެން ހުދާއާއެކު ވާނަން! "

އަހަންނަށް ރޮވުމުން ހަނީފް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. ނަމަވެސް އެވަރުންވެސް އަހަރެންގެ ސިކުނޑިއަކަށް ލުޔެއް ނުލިބުނެވެ.

***

ހެނދުނުގެ ވަގުތެވެ. ހަނީފް މަސައްކަތްކުރާ ވަޑާންގެއަށް ހަތެއް ޖަހާ ކަންހާއިރު އޭނާ ގޮއްސިއެވެ. އޭނާ ދިޔައިރުގައިވެސް އަހަރެން އިނީ ހޫދު އުނގަށް ލައިގެން ބާލީސް ހަލުވާށެވެ. ހޫދު ބާއްވާފައި ތަޅުލަން ނުދެވި އުޅެނިކޮށް ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. ކާކުތޯ އަހާލަންވާއިރަށް އެމީހަކު ދޮރުވެސް ހުޅުވައިފިއެވެ. އެކަންވީ އަހަރެން ވަރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ. އެއީ އޭރު އަހަރެން އިނީ ނިދަންލާ ޓީޝާޓާއި ހަރުވާޅާއެކުއެވެ.

" ކޮބާތަ ފާރިހާދައިތަ ދޫނިގަނޑު! "

އެއީ އަހަރެންގެ މަންމަގެ ރައްޓެއްސެކެވެ. އަހަރެންގެ ކުރިމަތީގައި ހުއްޓި ނިދިފައި އޮތް ހޫދާއިދިމާލަށް ގުދުވެލާފައި ފާރިހާދައިތަ ވާހަކަ ދެއްކިލެއް ބާރުކަމުން ހޫދު ދިޔައީ ސިހިގެންނެވެ. ސިއްސައިގެން ގޮސް ވަރަށް ބާރަށް ރޯންވެސް ފެށިއެވެ. ބޭއިޙްތިޔާރުގައި އަހަންނަށް ރުޅިއާދެވި، ރުޅި ކޮންޓްރޯލުންވެސް ނެއްޓިއެވެ.

" އެސޮރު ރޭ ހަތަރުދަމު ނުނިދާ އުޅެފަ ހަމަ ދެންމެ އެ ނިދުނީ! "

ހިތްހަމަ ނުޖެހޭ ރާގެއްގައި އަހަންނަށް އެހެން ބުނެވުނީ ޚުދު އަހަރެންވެސް ނިންޖަށް ބަލިވެފައިވާތީއެވެ. ކޮނޑުމައްޗަށް ލުމަށްފަހު އަހަރެން ނާނާ ކިޔަން ފެށުމުން ފާރިހާދައިތަ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

" އެސޮރު ބައްޕަ ކޮބައިތަ؟ އެސޮރު ބައްޕަ ނޫޅޭތަ ދަންވަރުގަޑީގަ އުރައިގެންނެއް؟"

ބޯހަލާކުވާ ކަހަލަ ސުވާލު ކުރާތީ އަހަރެންގާތަށް ނުހަނު ރުޅިއައެވެ.

" މިސޮރު ބައްޕަ ކިހިނެއް ދަންވަރު އަބަދު ހޭލާ ހުންނާނީ؟ ހެނދުނުހެނދުނާ މަސައްކަތު ދާންޖެހޭ މީހެއް ވިއްޔަ އެއީ! "

ރުޅި އަންނަން ބޭނުން ނުވި ނަމަވެސް ވަގުތާ ޙާލަތުގެ ގޮތުން އަހަންނަށް ދެއްކުނީ ރުންކުރު ގޮތެކެވެ. ރޮމުންދިޔަ ހޫދުގެ ބުރަކަށީގައި ފިރުމަމުން އަހަރެން ނާނާ ކިޔަމުން ދިޔައީ ފާރިހާދައިތައަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އޭނާ އިތުރަށް މަޑުކުރަން ބޭނުން ނުވީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ.

" ހާދަ ވަރަކަށޭދޯ އެރޮނީ! އާނ ދެން ދައިތަ ގޮސްލަނީ! "

އޭނާ ދިޔުމާއެކު އަހަރެން ގޮސް ތަޅުލީމެވެ. ހޫދު ރޭ ހަތަރުދަމު އުޅުނީ ހޭލައިގެންނެވެ. ހޫދު ހޭލައިގެން އޮންނަ އެންމެ ސިކުންތަކުވެސް އަހަރެން ބުރަކަށި ޖައްސާނުލަމެވެ. ރޭގައިވެސް ޕުއްޕުލެވޭތީ އަށްވަރަކަށް ނެޕީ ބަދަލު ކުރީމެވެ. އެސޮރަށް އެވަރަށް ހޮޑުލެވެއެވެ. އެދަރިފުޅުވެސް ނިދި ބޭނުންވާނެކަމާ، ވަރުބަލިވާނެވަރު އަހަންނަށް އިޙްސާސްކުރެވެއެވެ. އެހެންކަމުން ހޫދުގެ ނިންޖަކީ އަހަންނަށް ވަރަށް މުޙިއްމު އެއްޗެކެވެ. އެސޮރަށް އަރާމެއްވެސް ލިބޭނީ ނިދާފައި އޮންނަ ވަގުތުކޮޅެވެ. އަދި ނިންޖަކީ ދަރިފުޅު ހެދި ބޮޑުވުމަށްވެސް އެންމެ މުޙިއްމު އެކައްޗެވެ. ބައެއް މީހުން އައިސް އެގޮތަށް ކަންތައްކުރުމުން އަހަރެން ވަރަށް ދެރަވެއެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތެވެ. މީހުން ގޮވާލަންވެސް އަންނަ ވަގުތު ކަމުން މައިދައިތަގެ އެހީގައި ހޫދު ރީތިކޮށްލީމެވެ. އަދި ހޫދަށްޓަކައި ތައްޔާރުކޮށްފައިވާ ކުޑައެނދުގައި އެދަރިފުޅު ބާއްވާލީމެވެ.

" އޭ! އަޅެ ނިދުނީތަ؟ މިތާ ކައިރީހުރި ފިހާރައަކަށް އައިސް މި ޖައްސާލީ ޔޫ އައި ޚަބަރު ލިބިގެން! އަދި މި އައީކީ ނޫން އިނގޭ! އަދި ރަސްމީކޮށް އަންނާނަން! "

ކުއްލިއަކަށް ދޮރުން ވަދެގެން އަންނަތަން ފެނުނީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ނީޒާއެވެ. ނީޒާ ފެނުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި ވިހެއުމުގެ ހުރިހާކަމެއްގައި އަހަރެންގެ ތަޖުރިބާ ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އޭރު ހަނީފްގެ މަންމަ އެތަނުގައި އިނުމުން އަހަރެން އެވާހަކަތައް ނުދައްކާ މަޑުކޮށްލީމެވެ.

" ދެން މިހާރުވެސް ތި އާދެވުނީނު! ނައިނަމަތާ އަހަންނަށް ޝަކުވާ ކުރަން ޖެހޭނީވެސް!" އަހަންނަށް ބުނެލެވުނެވެ. އެއާއެކު ހޫދުއަށް ބަލަހައްޓައިގެން ހުރެ އޭނާ އަނެއްކާވެސް ބުންޏެވެ.

" ނޫނޭ! މިބުނީ އަދި ހަދިޔާ ހިފައިގެން އަންނަ ވާހަކައޭ! މިހުރީ ވަރަށް ހަޑިކޮށް! އެސޮރު އުރާވެސް ނުލެވޭނެ މިހެން ހުރެގެން.. މިވަގުތު ދެން ދަނީ! އަންނާނަމޭ އިނގޭ! "

އަހަރެންގެ ކޮލުގައި ހިފާ ތަދުކޮށްލަމުން ނީޒާ ހިނގައިގަތެވެ. އޭނާ ފެނުމުންވެސް އަހަރެން އުފާވިއެވެ.

" މަންމަދެން މިދަނީ ފެންވަރާލަން! ކަމެއް ބޭނުންވަންޏާ ތިއްތައަށް ގުޅާލާ! ތިއްތަވެސް ކޮޓަރީގަ އެބައޮތް! " މަންމަ އެހެން ބުނެ ދިޔުމުން އަހަރެން ކުޑައެނދު ބަލާލީމެވެ. އޭރު ހޫދުވެސް އޮތީ ނިދިފައެވެ. އެހެންކަމުން ލިބުނު ފުރުޞަތުގެ ބޭނުން ހިފަން އަހަރެން ބޭނުންވިއެވެ. ހޫދު ހޭލަން ވާއިރަށް ނިދާލަން އަހަރެން އޮށޯތީމެވެ. އޮށޯތުމާއެކު ނިދީގެ ތެރެއަށް ގެނބެންފެށިއެވެ.

" އެ! ނިދިފަތަ؟ ބޭބީވެސް ނިދާފަދޯ! އަހަރެން މި ނިކުންނަނީ ފެންވަރާލައިގެން އިނގޭ! "

ހަމަ، ނިދިޖެހުމާއެކު ހަނީފް އައިސް ގައިގައި އަތްޖައްސާލުމާއެކު އަހަރެން ދިޔައީ ތަޅުއްވައިގަނެގެންނެވެ.

" ޕިސް! ދެން ހަނީފް! ދެން. އަޅޭ! އަހަންނަށް ނުގޮވާވެސް މަޑުމަޑުން ގޮސް ފެންވަރާލަންވީނު! ހަމަ އެނގޭނެ އަހަރެން ރޭގަވެސް ހަތަރުދަމު އިނީ ހޭލާ ތެދަށްކަން! މިއަދުވެސް ހަމަ އެއްގޮތަކަށްވެސް ބުރަކަށި ދަމާނުލެވޭ! "

ހިތްހަމަނުޖެހޭ ރާގަކަށް އަހަންނަށް ވާހަކަ ދެއްކުނެވެ. އެހެން ބުނަން ޖެހުނީ ދެވަނަ ފަހަރަށްވެސް އެކަން ތަކުރާރު ކުރާނެތީއެވެ.

" ނޭނގޭނެއެއްނު ދެންމެ ކަމެއް ނިދުނީ! އަވަހަށް ނިދާލާ! "

އަހަރެންގެ ބޮލުގައި ލޯތްބާއެކު ހަނީފް ފިރުމާލުމުން ދެންމެ ކިޔުނު އެއްޗެއްސަށް އަހަރެން ދެރަވެސްވިއެވެ.

" ދެންވެސް އަހަރެން ނިދިފައި އޮތިއްޔާ ނުގޮވައްޗޭ ބައްޕީ! "

އޭނާ ހިތްހަމަޖައްސާލަން އަހަރެން ބުނެލީ ހިނިތުންވެލަމުންނެވެ.

***

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުންދެއެވެ. ހޫދަށް ތިންމަސް ފުރި ހަތަރުމަސް ވެއްޖެއެވެ. އެދުވަހު އަހަރެން ކިރަން ދިޔައީ ދަރިފުޅު ރެކްސާއަށް ލައިގެންނެވެ. މަސައްކަތުގައި ބުރަވެގެން ހަނީފްއަށް ބަލާ ނާދެވުނީއެވެ. ހިޔާއޮންނަ މަގުމަގުން އަހަރެން ދިޔައީ ޞިއްޙީމަރުކަޒާދިމާލަށެވެ.

" އޭ ހުދާ! އަޅެ އަހަންނަށް ނުވެސް ދެވޭދޯ! ނުދެވި އުޅެނިކޮށް މި ފެނުނީ އެންމެ ފަހުން...."

ރެކްސާގައި އޮތް ހޫދަށް ބަލާލަމުން އަހަރެންގެ އެކުވެރި ރީނާ ބުނެލިއެވެ.

" ނަސީބެއްނު މިސޮރު ހިނގަން ވާއިރަށް ފެނުންކަން..."

މަޖާ ރާގެއްގައި އަހަންނަށް އެހެން ބުނެވުނު ނަމަވެސް ޙަޤީޤަތުގައި އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ރީނާއަކީ ކުޑައިރުއްސުރެ އަހަރެންގެ ވަރަށް ގާތް އެކުވެރިއެވެ. ޙަޔާތުން އަހަންނަށް މި ލިބުނު އުފަލުގައި ބައިވެރިވެލަން އޭނާއަށް ނާދެވުނީތީ އަހަރެން ދެރަވިއެވެ. ރީނާއާ ކުޑަކޮށް ވާހަކަ ދައްކާލާފައި އަހަރެން އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. އޭރު މާދުރުން މީހަކު ދުން ޖަހާފައި އަންނަތަން ފެނުނެވެ.

" މިހާ ގަދަ އަވީގައި ކުޑަކުޑަ ކުއްޖަކު ގޮވައިގެން ހިނގާފައި އަންނަން ހެޔޮވާނެތަ އަޅެ! "

ދިޔާނައްތަ އައި ގޮތަށް އައިސް ހޫދު ނަގާ އުރާލިއެވެ.

" މަންޖެ މިސޮރު ހާދަ ކުޑައޭ! ކިތައް މަސްވެއްޖެ! "

ހޫދު އުރާލިގޮތަށް ހައިރާންވެފައި ދިޔާނައްތަ ބަލާލީ އަހަންނާދިމާލަށެވެ. އޭނާ ބަލަމުންދާ ގޮތުން ހީވަނީ އަހަންނަކީ ވަރަށް ބޮޑު ކުއްވެރިއެއްހެންނެވެ. އެހެންކަމުން އަހަރެންގެ ހިތަށް ވަރަށް އަސަރުވެސް ކުރިއެވެ.

" ހަތަރުމަސް ވެގެންނޭ ކިރަން މިދަނީ ދޯ ދަރިފުޅޫ! "

ދަރިފުޅުގެ އަނގައިގެ އެއްމިޔަކަނުން ފޭބި ސޮނިކޮޅެއް ފޮހެލަމުން އަހަރެން ވާހަކަ ދެއްކީމެވެ.

" ސުބްޙާނަﷲ! ހަތަރުމަސް ވިއްޔޭ! އެހެންވިއްޔާ ލުއި! މާ ލުއި! ހަތަރުމަސްވާއިރު މިހެން އުރާލީމަ އަތަށް އެނގިލާނެ! ބުއް ނުދެނީތަ؟ "

އަނގަޔަށް ވައްތަރެއް ޖައްސާލަމުން ދިޔާނައްތަ ބުންޏެވެ. އަހަންނަށް ވަގުތުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. މިއީ އަހަރެންގެ ފުރަތަމަ ދަރިފުޅުކަމުން މާބޮޑަކަށް އަހަންނަށް ކަންތައްތަކެއް ނުވެސް އެނގެއެވެ.

" ނޫން.. ބުއްދެން! އަބަދު އަބަދު ބުއް ބޮއި ބޮއި އޮންނަނީ!"

ދިފާޢުވާން އަހަރެން ބުނެލީމެވެ. އެހެނަސް ދިޔާނައްތަ އެކަން ޤަބޫލެއް ނުކުރިއެވެ.

" އެހެންވިއްޔާ މަންޖެ ރަނގަޅު އެއްޗެހި ނުކަނީ! ރަނގަޅު އެއްޗެހި ކައިގެންނޭ ގާތުން ދޭންވާނީ! ރަނގަޅަށް ބުއްބޮންޏާ ބަރާބަރަށް ބަރުވާނެ! އެއީޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫން! ދެންވެސް ރަނގަޅު އެއްޗެހިކައިގެން ވަރުޖައްސަން އުޅޭ! މިވަރު ކުދިން ނުލާހިކު އަވަސްވާނެ ބޮޑުވެގަންނަ ގޮތް! މިސޮރު ބަލާބަލަ އިންލެއް ނިކަމެތިކަން! "

ރެކްސާގައި ހޫދު ބާއްވާލުމަށްފަހު އޭނާ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް ހިނގައިގަތީމެވެ.

އަހަރެން ވަރަށް ދެރަވެއްޖެއެވެ. ގައިން ވަރު ދޫވެ އިތުރަށް ހިނގާލާނެ ވަރުވެސް ނެތްހެން ހީވިއެވެ. ޞިއްޙީމަރުކަޒް ފެނުމާއެކު ހިތް ބިރުގަތެވެ. ހޫދުގެ ބަރުދަން ހުންނާނެ ގޮތާއިމެދު ވިސްނެން ފެށިއެވެ. ދަރިފުޅަށް ލިބޭ ކޮންމެ ގެއްލުމެއްގައި ކުއްވެރިވާނީ އަހަންނޭ ހީކުރެވުނެވެ.

" ތިންސަތޭކަ ގްރާމް ބަރުވީ! މިދިޔަ ފަހަރު ހަތް ސަތޭކަ ބަރުވި ދޯ! "

ފޮތުގައި ލިޔެލަމުން ޞިއްޙީއެހީތެރިޔާ ބުނުއްވިއެވެ. އެއާއެކު ހިތުގައި ހުރި ސުވާލުތައް ކުރަންފެށީމެވެ.

" ކިހާވަރެއްތޯ ބަރުވާން ޖެހެނީ؟ މިވަރު ރަނގަޅުތޯ؟"

" ސަތޭކަ ގްރާމްވެސް ބަރުވަންޏާ ރަނގަޅުވާނެ! މާބޮޑަށް ލުއި ނުވަންޏާ ހަމަ ރަނގަޅުވާނެ! ބަރާބަރަށް ބުއްދީ! ހުދާވެސް ހަމަ ގިނައިން ދިޔާއެއްޗެހި ބޯތި! ސްޓްރެސް ނުވައްޗޭ! " އޭނާގެ ވާހަކައިން އަހަންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

***

ހުރިހާ ވަގުތެއްވެސް އަހަންނަށް ހޭދަކުރެވެނީ ހޫދާއެކުއެވެ. އެއީ އަހަރެންގެ ހިތްހަމަޖެހުމާއި އުފަލެވެ. އަދި މުޅި ދުވަހުގެ އުފާވެރިކަމެވެ. އާދައިގެ މަތިން ހަވީރުގަޑީގައި އަހަރެން ހޫދު ރީތިކޮށްލީމެވެ. އަދި ހޫދުގެ ހެއްލޭ ގޮނޑިއަށް ލައިގެން ކުރިމަތީގައި އެސޮރާ ވާހަކަ ދައްކަން އިށީނދެލީމެވެ.

" ޕސް! މީނަ އަބަދު ގޭގަ! އަހަރެމެން މިއުޅެނީ މާހަފަން ވެގެން! ނުދާނަންތަ؟ "

ޓަކިވެސް ޖަހާނުލާ ކޮޓަރިއަށް ވަދެގެން އައި ރިފާއަށް އަހަންނަށް ބަލާލެވުނެވެ. އަހަންނަށް ބަލާލެވުނީ ދަރިފުޅުގެ މޫނަށެވެ. އޭރުވެސް ހޫދު އޮތީ ހީލަހީލައެވެ.

" އެ ރަމްޝާ ބުނި ކުރީ ދުވަހަކުވެސް ޔޫއަށް ގުޅީމޯ ހަވީރު ސައެއްބޯލަންދާން! އެކަމަކު ނަޔޯ! އަދި އޭނަ ބުނި ކުއްޖަކު ލިބުނަސް ދެން އެވަރު ތަންފުކެއް ބޮޑެއް ނޫންހޯވެސް! އެހެންވެ އެމީހުން މިހާރު އެއްވެސް ކަމެއްގަ ހުދާއަކަށް ނުގުޅަމޯ! "

ރިފާ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. ރައްޓެހިންނަށް އަހަރެންގެ ޙާލަތު އެނގިހުރެވެސް އަހަރެން ބާކީކުރީކަމުގެ އިޙްސާސް ކުރެވުނެވެ. ނަމަވެސް އެމީހުންނަށް ބަދުބަހެއް ބުނާކަށް އަހަރެން ނެތީމެވެ.

" ދެން މިހާރު ބޭނުންހާއިރަކު ނުދެވޭނެއެއްނު! މީނަ ވަރަށް ފީކޮށް އުޅެނީވެސް! ރޯގާވެގެން! އަހަރެން ބުނިން ރަމޫ ކައިރީ މިގެއަށް ސައިބޯން އަންނާށޭ އަހަރެން ހެދިކާ ގަންނާނަމޭ!"

ހޫދު ބަހައްޓާފައި ދާހިތް ނުވާތީ އަހަރެން އުޒުރު ދެއްކީމެވެ. އެހެނަސް ރިފާ ހުރީ އަހަރެންގެ ވާހަކައަށް އެއްބަސްވާ ގޮތަކަށް ނޫނެވެ.

" އެގޮތެއް ކަމަކު ނުދާނެ އެއްނު! އޭރުން މަޖަލެއް ނުވާނެ އެއްވެސް ވަރަކަށް. ދެން ހަމަ ކޮންމެ ކަމެއްގައި ބަހަނާއަކަށް ހޫދު ނުދައްކަބަލަ! ދެވޭނެ! ދާންޖެހޭނީ! ދަރިން ލިބުނީމަ ހުރިހާ ވަގުތެއް ގޭގައި އިންނާށޭ ކޮން ފޮތެއްގައިތަ އޮތީ؟ މަންމައަކަށްވީމަ ހުރިހާ އުފަލަކުން މަޙްރޫމް ވިއްޔޭ ކާކުތަބުނީ! މަޖާވެސް ކުރެވޭނެ! ބޭރަށްވެސް ދެވޭނެ! ރައްޓެހިންނާއެކު ކޮފީއަށްވެސް ދެވޭނެ! ވަގުތު ކޮޅަކަށް ހޫދު ބަލާލަން މިގޭގަ މީހުން ނެތީތަ؟ "

ރިފާ އެތިވަރު ގޮވާލުމުން އަހަންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި މަޑުމަޑުން ތެދުވެ ބޮޑު އެނދުގައި އިށީނދެލަމުން ވާހަކަ ދައްކަން ފެށީމެވެ.

" ސާބަހޭ މަންޖޭ! ވަރެއް ވެފަދޯ ތިހުރީ! މަ ބަލާނަމޭ މަންޖެއަށް މިދުވަސް ދައްކަވާ ދުވަހަކުން ތިހެން މާ ފްރީވެގެން އެއްގެއިން އަނެއް ގެއަށް ދުވޭތޯ! އަހަރެން ބޭރަށް ނުދަނީ މިގޭގަ ބަލާނެ މީހުން ނެތީމައެއްނޫން! ބުނެފިއްޔާ ކޮންމެ މީހަކުވެސް ހޫދު ބަލައިދޭނެ! ފިރިމީހާވެސް އެހުރީނު! އޭނަވެސް ހޫދު ބަލައިދޭނެ! އެކަމަކު އަހަރެން އެގޮތް ބޭނުން ނުވަނީ! އަހަރެންގެ އުފަލަކީ ރައްޓެހިންނާއެކު އަބަދު ބޭރުގައި އުޅުމެއް ނޫނޭ! އަހަރެންގެ އުފަލަކީ ސައްވީސް ގަޑިއިރު މިދަރިފުޅު އަހަންނަށް ފެންނަން އޮތުން! ތިގޮތަށް އަހަރެން ބޭރުގައި އުޅެން އަދި މީނަ މާ ކުޑަ! ތަންކޮޅެއް ބޮޑުވެލީމަ އިންޝާﷲ ދާނަން! އެންމެ ތުއްތުއިރު މިކުދިން ބޭނުންވާނީ ހަމައެކަނި މަންމައެއްނު! "

ލޯތްބާއެކު ހޫދުގެ މޫނަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އެހާ ގިނަ ވާހަކަ ދެއްކުމުގެ ބޭނުމަކީ ހަމައެކަނި ރިފާއަށް ވިސްނައިދިނުމެވެ. އެހެނަސް ރިފާގެ މޫނުމަތީގެ ކުލަވަރުން އަހަންނަށް އިޙްސާސްވީ އޭނަ އިތުރަށް ފޫހިވިކަމެވެ.

" ހޫމް.. ދެން ކޮންމެވެސް ބަހަނާއެއް ދައްކާނެ! އެންމެ ރަނގަޅޭ! އޯކޭ ދަނީއިނގޭ! އަދި ފަހުން އަންނާނަން!"

ހޫދުގެ ކޮލުގައި ކޮއްޓާލުމަށްފަހު ރިފާ އަވަސް އަވަހަށް ނިކުތެވެ. އަހަންނަށް ދެންވެސް ބަލާލެވުނީ ހޫދުގެ ލޯބިލޯބި މޫނަށެވެ. އަދި ފަހުން އަންނާނަމޭ ބުނެފަ ދިޔަ އެކަކުވެސް އަދި ނާދެއެވެ. ވާނީވެސް އެހެންނެވެ. އެންމެންނަކީ އެމީހެއްގެ ދިރިއުޅުމައިގެން އަވަދިނުވެގެން އުޅޭ މީހުންނެވެ.

***

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ފެންވަރާލައިގެން އަހަރެން ނިކުތްއިރު، ހަނީފް އެނދުމަތީގައި އޮތެވެ. ކުޑައެނދުގައި ނިދާލާފައި ހޫދު އޮތެވެ. ރީތިވެލައިގެން އައިސް އަހަރެން އެނދުގައި އޮށޯވެލިކަންވެސް ހަނީފަށް ނޭނގޭ ކަހަލައެވެ. އޭނާ އޮތީ ފޯނު ބަލާށެވެ.

" ކޯއްޗެއް ބަލަނީ ؟ "

އަހަރެން އަހާލީމެވެ. އެއާއެކު ސިހިފައި އަހަންނަށް އޭނާ ބަލާލިއެވެ.

" ނެޓްފްލިކްސް.. މާދަމާ ހެނދުނު މަސައްކަތު ދާން ނުޖެހޭވާހަކަ އެމީހުން ބުނީމަ ފިލްމެއް ބަލާލަނީމި!"

ހިނިތުންވެލަމުން ހަނީފް ބުނީ އަހަންނަށް ބަލަހައްޓައިގެން އޮވެއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. ދެންވެސް އޭނާގެ ލޯ އަމާޒުވީ ފޯނަށެވެ. އަހަރެން ހަމަ އެއްވެސް އެއްޗެއް ނުބުނެ، އަނެއް ފަރާތަށް އެނބުރިލީމެވެ. އެއާއެކު ހަނީފްގެ އަޑު އިވުނެވެ.

" ކިހިނެއްވީ؟ ރުޅިއައީތަ؟ "

" ނޫން! ކޮންކަމަކާ ރުޅި އަންނަންވީ؟ "

އެހެން ބުނެވުމާއެކު އަހަންނަށް ރޮވިއްޖެއެވެ. އެކަން ހަނީފްއަށް ފާހަގަ ކުރެވުމާއެކު އޭނާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ.

" ކީއްވެ ތިރޮނީ؟ ހުދާ ބުނެފިއްޔާ އަހަރެން ފިލްމެއް ނުބަލާނަމޭ! "

ހަނީފް އެހެން ބުނުމާއެކު އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ. އަދި ބާރުބާރަށް އެނދުންވެސް ތެދުވީމެވެ. އޭރު އަހަރެންގެ ދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގެންދެއެވެ.

" ކީއްވެ؟ އަހަރެން ބުނެފިއްޔާ ފިލްމެއްވެސް ނުބަލާނެ! އަހަރެން ބުނެފިއްޔާ ދަރިފުޅު ރޮއިރޮއި ހުއްޓާ ބޭރަކަށްވެސް ނުދާނެ! ކީއްވެ ހުރިހާ ކަމެއް އަހަރެން ބުނީމަ ކުރަން އެނގެނީ؟ ކީއްވެ ނުބުނަނީސް އެއްވެސް ކަމެއް އަމިއްލައަށް ފެނިގެން ނުކުރަނީ؟ ހަނީފްގާތު ނިދާލާހިތުން ކިތައް ރޭ އަހަރެން ހޫދު ކުޑައެނދަށް ލައިގެން ތިން ހަތަރު ގަޑިއިރު މިތާ އޮންނާނީ؟ ކިތައް ރޭ އަހަރެން ހަނީފް ކޮށި އަރާވަރަށް ސެންޓް ޖަހައިގެން އައިސް، ހަނީފްގެ މޭމަތީގައި ބޯއަޅާލައިގެން އޮންނާނީ؟ ހަމަ އަހަރެން ނުބުނަންޏާ ނޭނގޭތަ އެއްވެސް ކަމެއް؟ ކިތައްރޭ އަހަރެން ބުނާނީ ހޫދު މިރޭ އެހާ އަވަހަކަށް ނުހޭލާނޭ! އަހަރެން ނުބުނާތީ ހަމަ އެއްވެސް ވަރަކަށް ސިކުނޑިއަށް އެއްޗެއް ފަހުމް ނުވަނީތަ؟ މައްސަލައެއް ނެތޭ! އަހަރެން ވަރަށް ފޫހިވެއްޖެ ހަނީފްދެކެ! "

ރޮމުން ރޮމުން އެއްޗެހި ކިޔަމުން އަހަރެން އޭނާއަށް ފުރަގަސްދިނީމެވެ.

" އަހަރެންގެ ސިކުނޑިއަށް ބާރު ކުރާ މިންވަރެއް ހަނީފަކަށް ނޭނގޭނެ! އަހަރެން ތަޙައްމަލް ކުރަމުންދާ ކަންތައްތަކެއް ހަނީފަކަށް ނޭނގޭނެ! މަހަކު އެއްފަހަރު ބޭރަށް މި ނިކުންނަނީ ދަރިފުޅު ކިރަންދާން! އެދާ ދިޔުމުގައިވެސް ދަރިފުޅުގެ ރޫފަޔަށް ފާޑުކިޔާ، އަހަރެން ކުށްވެރިކޮށް، އަހަރެންގެ ހިތް ދެރަކޮށްލާ އެތައް ބަޔަކާ ދިމާވޭ! އަހަރެން އަބަދު ގޭގައި އިންނާތީ އެކަމާ އެބަ ނުރުހުން ފާޅުކުރޭ! ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަންނަށް ދަރިފުޅު ރަނގަޅަށް ނުބެލޭކަމުގެ އިޙްސާސް އެބަ ކޮށްދޭ! އެހެންވެ އަހަންނަށް މިހާރު އަމިއްލަ ނަފްސު ކުއްވެރިކުރެވޭ! ދަރިފުޅަށް ކަމެއް ވިއްޔާ އެއީ އަހަރެން އެވެނި ކަމެއް މިވެނި ގޮތަކަށް ކޮށްގެން! ދަރިފުޅު ބަރު ނުވިއްޔާ އެއީ އަހަރެން ރަނގަޅު އެއްޗެހި ނުކަނީ! ނޫނީ ގިނަވަގުތު ބުއްދޭން ނުބާއްވަނީ! ކޮންމެ ކަމެއްގައިވެސް ކުއްވެރި މިވަނީ އަހަރެން! ބަލަ އަހަންނަކީ އެދަރިފުޅުގެ މައިމީހާއޭ! މަންމައޭ! އަހަންނަށްވުރެބޮޑަށް އެދަރިފުޅާމެދު ވިސްނާނީ ވަކި ކާކުތަ؟ އަހަރެންގެ ގައިގަ ރިހޭ ރިހުމާ، ވިސްނާ ވިސްނުމާ، ކުރާ ހިތްވަރުވެސް އެނގޭނީ ހަމަ އަހަންނަކަށްނު! ނެތް ހިތްވަރު ދައްކައިގެން، ބަލި ނޫންކަމަށް ހެދިގެން ތެދުވެ މިއުޅެނީ ހަމަ މި ދަރިފުޅަށްޓަކައޭ! އެންމެ ފަހަރަކުވެސް އަހަރެން ކިހިނެއްތޯ އަހާލާނަމަ! ހަނީފް ގާތުވެސް އަދި އެހެން މީހެއް ގާތުވެސް މަތަ ނުވެގެން ރޯތީވެ، ދެގަޑިއިރުވަންދެން ހަމަ އަހަންނޭ އެކުއްޖާ ގޮވައިގެން ހިނގާލަ ހިނގާލަ ހުންނަނީ! އެކަމަކު އެންމެންނަށްވެސް ހީވެފައި އޮންނަނީ ދަރިފުޅުގެ ހުރިހާ ޒިންމާއަކީ ހަމައެކަނި މަންމަ ކުރަން މަޖުބޫރުކަމެކޭ! ވަރުބަލިކަމެއްނެތި ދަރިފުޅުގެ ހުރިހާކަމެއްވެސް އަހަރެން މިކުރަނީ އުފަލުން. އެކަމަކު ހިތްދަތިވާ އެއްކަމެއް އަހަރެންގެވެސް އެބައޮތް! އެއީ ދަރިފުޅު އުފަންވުމާ ހަމައިންފެށިގެން މަންމަ ބާކީ ކުރާތީ! އަހަރެންގެ ޙާލަތު އެނގި ހުރެވެސް އަހަރެންގެ އެކުވެރިންވެސް އަހަރެން ބާކީ ކުރީ! އެމީހުންގާތަށް ނުދެވުނަސް، އެކުވެރިކަން ގެއްލިދާނެތީ އަހަރެން ބުނަން މިތަނަށް އަންނަންވެސް. އެކަމަކު އެގޮތެއްވެސް އެމީހުންނަކަށް ކަމަކު ނުދޭ! ހަނީފަށްވެސް މުޙިއްމުވަނީ ހަމަ ދަރިފުޅު! އަހަރެން މިޙާލުގައި ވެސް ހަނީފަށް ހުސްވަގުތެއް ލިބޭތޯ އެބަ އިންތިޒާރުކުރަން! އެކަމަކު ހަނީފް ބަލާނުލާ އަހަންނަށް ފްރީ ވަގުތެއް ލިބޭތޯވެސް! ހަނީފްގެ އޯގާތެރިކަން އަހަރެން ނިހާޔަތަށް ބޭނުން،.."

ވާހަކަ ދައްކާ ދައްކާ ވަރުބަލި ވެގެން އަހަރެން ފަސްއެނބުރި ހަނީފަށް ބަލާލީމެވެ. އޭރު އޭނާގެ ދެލޮލުންވެސް ކަރުނައިގެ ވިދުން އަހަންނަށް ފެނުނެވެ. އަހަރެން ބަލާލުމާއެކު ބާރުބާރަށް އައިސް ހަނީފް އަހަރެންގެ ގައިގައި ބައްދައިގަތެވެ.

" ސޮރީ ހުދާ! އަހަންނަށް މަޢާފްކުރޭ! ތި ހިތަށް އަސަރުކޮށްފައިވާވަރު އަހަންނަށް އިޙްސާސް މިކުރެވުނީ އަދިކިރިޔާ! އެހީއަށް ބޭނުންވެފައިވާވަރުވެސް މިއެނގުނީ އަދި! މަންމައިންނަކީ ހާދަ ހިތްވަރުގަދަ ބައެކޭ! ހާދަ ކެތްތެރިބައެކޭ! ހުދާ، ދަރިފުޅުގެ ހުރިހާކަމެއްވެސް ކުރާތަން އަހަންނަށް ފެނޭ! އެކަމަކު އޭރު ހުދާއަށް ވާނެ ވަރެއް ނުވިސްނޭ! އިންޝާﷲ! ދެން އެހެންނެއްނުވާނެ! އަހަރެން ހުދާ ބާކީއެއް ނުކުރާނަން!"

އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ، ހަނީފް އަހަރެންގެ މޫނަށް ބޮސްދިނެވެ. އެއާއެކު އުފާވެރި ހިތަކައިގެން އޭނާގެ މޭމަތީގައި ބޮނޑިވެގަނެވުނީ މާތްﷲއަށް ޙަމްދުކުރާ ޙާލުގައެވެ

( ނިމުނީ )

(ނިމުނީ)