މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ފާޅު ކުރައްވައިފިއެވެ.

ފާރިސް މިކަން ހާމަކުރެއްވީ ކްލަބްހައުސްގައި "މާއްދާ27" ގްރޫޕުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފާނަންތޯ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނަމަ، ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

"މިސާލަކަށް އެމްއާރްއެމް އިން ވަކި ކެންޑިޑޭޓެއް ނެރެގެން ކުރިއަށްގެންދާ ކަމަށް ވަންޏާ އަޅުގަނޑުގެ ވެސް ވިސްނުން ހަމަ ހުރެދާނެ އެގޮތަށް" ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅުންހުރި މަސައްކަތްތަކެއް އެމްއާރްއެމުން ކުރަމުންދާކަން ހާމަކުރައްވައި، އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން އޭނާގެ ނިންމެވުމެއް ބިނާވެގެންދާނީ އެމްއާރްއެމުން ނިންމާ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން އިންތިހާބާ ގުޅޭގޮތުން އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއާއެކު ބައްދަލުކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދިއެއްވެސް ޕާޓީއާއެކު ވަކިކަމަކަށް އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އެމްއާރްއެމުން މިހާރު ކުރަމުންދާ މަސައްކަތަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރެވޭނެ ސިޔާސަތެއް އޮތް ޕާޓީއެއް ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ޕާޓީތަކުގެ މަގުސަދަކަށް ވެފައިވަނީ އެ ޕާޓީއެއްގެ ނުފޫޒު ވަރުގަދަ ކުރުމާއި ޕާޓީގެ މެމްބަރުން ނުފޫޒު ވަރުގަދަ ކުރުން ކަމަށާއި ޕާޓީތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި އަދިވެސް އޮތީ އެފަދަ ސިޔާސަތަކެއް ކަން ފާރިސް ފާހަގަކުރެއްވިއެވެ.