އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ''ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން'' މި މައުޟޫޢަށް، އައްޑޫ ހައި ސްކޫލު ހޯލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމަށެވެ.
ރަސޫލާގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއް ކަމަށާއި އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ވަނީ ބައްލަވާލައްވާފައެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި އޭނާ ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ވެސް ތަފްސީލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތަކުގެ ތަފްސީލުވެސް ހާމަކޮށްދެއްވިއެވެ.
މި ފޯރަމްގައި އިސްލާމިކް މިނިސްޓްރޫގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ވެސް ވަނީ ތަގުރީރު ކުރައްވާފައެވެ.
އޭނާގެ ތަގުރީރުގައި ރަސޫލާގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާއި، އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވާފައިވާއިރު، އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަމާ މިކަންކަމަކީ ރަސޫލާގެ ކިބައިގައި އާދަޔާ ޚިލާފަށް ހުންނެވި ކަންކަން ކަމަށް ފާހަގަކުރެެއްވިއެވެ.
އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މި މާރިޗު މަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!