ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

"ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުންކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެ. އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާން މަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވި." މިނިސްޓަރ ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާން މަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށާއި ރަމަޟާން މަހަށް ތައްޔާރުވުމަށް ރަމަޟާން ޝަޢުބާން މަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް ކަމަށާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށެވެ.

އެގޮތުން ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވިއެވެ.

އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެ ކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.