ކޮންމެ ދުވަހަކުވެސް ހެނދުނު އިރު އަރާނީ ދޮށި ހިފައިގެން މަސްބާނަން ހުއްޓައެވެ. ގޮނޑުދޮށުން މަސްބޭނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ބައެއް ދުވަސް ދުވަހު ހަވީރުވެސް މަސްބާނަން ދަމެވެ. ކުދި ކޮރަކައްޔާ، އޮރި އަދި ހަންޖަކީ ގޮނޑުދޮށުން އެންމެ ތިޔާގިކޮށް ބޭނޭ މަސްމަހެވެ.
އަހަރެން ގެންގުޅޭ ބާލިދީގަނޑު ފުރާ، މަސްބޭނުނަސް، މީހުންނަށް ބަހާފައި ގެއަށް ގެންދަނީ އެންމެ މަހެކެވެ. މަގުމަތިން ފެންނަ މީހަކަށް ވިއްޔާ، އަހަރެންގެ މަސްބާލިދީއަށް ބޯކޮށްޕާނުލާ މީހަކު ނުދާނެއެވެ. ކޮންމެ މީހަކު ބުންޏަސް މަސް ހުރި ވަރަކުން އަހަރެން ދެމެވެ. ރަށުމީހުން އަހަންނަށް ކެޔޮޅުމުފީދު ކިޔަނީ އެހެންވެގެންނެވެ.
" އަހަރެން މިހާ ބަލިވެ އުޅޭއިރުވެސް މުފީދު ބަލަނީ ކޮންމެ ދުވަހަކު މަސްބާނަން ދެވޭތޯ! މިހާ ތުއްތު ކުއްޖެއް އޮންނައިރު މުފީދަކަށް ގޭގައި މަޑުކޮށްލެވޭ ކަމަކަށް ނުވޭ! ފިހާރައިން އަންނަ ގޮތަށް ގޮނޑުދޮށަށް ދެވޭތޯ އުޅޭނީ!"
ގެއަށް އައިސް ވަނުމާއެކު އަހަންނަށް އިވުނީ އަނބިމީހާގެ ޝަކުވާގެ އަޑެވެ. އިވޭކަމަށް ނަހަދާ ގޮސް ކޮޓަރިއަށްވަނީ ފެންވަރާ ތާޒާވެލާށެވެ. އޭރުވެސް ސިޓިންގރޫމް ސޯފާގައި އިން ސީމާގެ އަޑެއް ނުކެނޑެއެވެ.
" ހޫމް... މީ އަހަރެން އަލަށް ކުރާކަމެއްތަ؟ "
ފެންވަރައިގެން ނިކުތްއިރު އެއް އަހަރުގެ ދަރިފުޅު ނިންދަވައިގެން ސީމާއިނީ ކޮޓަރިއަށް ވަދެއެވެ.
" އަހަންނަށް އެނގެޔޭ އަލަށް ކުރާކަމެއް ނޫންކަން! މިރަށު ރައްޔިތުންނަށް ފަރުމަސް ފޯރުކޮށްދިނުމަކީ މުފީދަށް ދީފައި އޮންނަ ވަޒީފާއެއްތަ؟ އެކަމެއް ނުކުރެވިދާނެތީ ވިއްޔަ މަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން މާލެއާ ހަމައަށް ނުދެވިގެން ތިއުޅެނީ.."
ސީމާގެ އެޝަކުވާތަކަކީ އަހަންނަށް އާކަމެއް ނޫނެވެ. ގަޔަށް ޓީޝާޓް މަހާލުމަށްފަހު ސީމާއާ ދިމާލަށް ހިނގައިގަތީމެވެ.
" މާދަމާވެސް ފުރަންވީ! އެކަމަކު ރަސްފަންނަށް ވިޔަސް މަސްބާނަން އަހަރެން ފޮނުވަން ޖެހޭނެ! " އަހަންނަށް އެހެން ބުނެވުމާއެކު ރުޅިއައިސް ފުފިފައި އިން އަހަރެންގެ އަނބިމީހާއަށްވެސް ހެވިއްޖެއެވެ. އެއީ އަހަރެން އޭނާދެކެ އެންމެ ލޯބިވާ އެއް ސަބަބެވެ. ކިތަންމެ ރުޅިއައިސް ހުއްޓަސް އަހަރެން ސަމާސާ ކޮށްލުމުން އޭނާގެ ރުޅިގަނޑު ހިނދޭނެއެވެ.
" ދެން... ހިނގާބަލަ ދާން.. އަޅެ ކިހާ ދުވަހެއްވެއްޖެ އަހަރެން މި އުނަގަނޑެއްގައި ރިއްސާތާ! ދައްކާލީމައެއްނު އެނގޭނީ ކަމެއް ހުއްޓަސް.."
މަޑުމައިތިރިކަމާއެކު ސީމާ އެހެން ބުނުމުން އަހަރެން އޭނާގެ އުނަގަނޑުގައި ފިރުމާލީމެވެ.
" އަދި ކޮންމެ ފަހަރަކު އަހަރެން އެހެން ކިޔާއިރަށް ބުރަކަށީގައި ފިރުމާނެ! ދެން އެ ނިމުނީ! ހަނދާނެއް ނުހުންނާނެ ދެނެއް! "
މަޖާ ރާގަކަށް ސީމާ ބުނެލިއެވެ. އޭރުވެސް އަހަރެމެންގެ ލޯބި ލޯބި ދަރިފުޅު ސީމާގެ އުނގުގައި ނިދިފައި އޮތެވެ.
" ނޫނޭ! ގެންދާނަމޭ! އަހަރެންވެސް މާލެ ބަލާލަން ދާހިތްވެއްޖެ! މިހާރު އަށް ވަރަކަށް އަހަރު ވެއްޖެ މާލެނުދާތާ! ތަރައްޤީވެފައި އޮތްވަރެއްވެސް އެނގޭނީ ދިޔައީމަތާ!"
ދަރިފުޅު ނަގާ ތަންމަތީގައި ބާއްވާލަމުން އަހަރެން ބުނީމެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ސީމާ ގޮވައިގެން އަހަރެން މާލެ އައީމެވެ. ދުވަހު ކުއްޔަށް އަހަރެމެން ނެގި ކޮޓަރިއަށް ސީމާއާ ދަރިފުޅު ވެއްދުމަށްފަހު އަހަރެން ނިކުތީ ކާރެއް ހޯދުމަށެވެ. އަހަންނަކީ މާގިނައިން މާލެ އައިސް އުޅޭ މީހަކަށް ނުވާތީ ، ހިނގާފައި ދާން އެނގޭ އެއް ތަނެއްވެސް ނެތެވެ.
އޭޑީކޭއަށް ގޮސް މެމޯ ހައްދަން ނަންބަރެއް ނަގައިގެން މަޑުކޮށްލީ ކައުންޓަރާ ފުދޭވަރަކަށް ކައިރީގައެވެ. އޭރު އަހަރެންގެ ނަންބަރު އަދި އެ ބޯޑަކަށް ނާރައެވެ. އެހެނަސް ކައުންޓަރުގައި އިން ދެ އަންހެން ކުދިން ފެނި، އެތަނުން ދުރަށް ދާހިތެއް ނުވިއެވެ. ދުވަހަކުވެސް އެހާ ރީތި ދެކުދިން އަހަރެން ނުދެކެމެވެ. އެއްކުއްޖަކީ ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހަމުގެ ކުލަ މެދުމިނެއްގައި ހުރި އިރު، މޫނުމަތި އޮމާންވެފައި އެހާ ޗާލެވެ. ކަސްޓަމަރުންނަށް ހިނިތުންވެލާތަން ފެނި އަހަރެން އަޖައިބުވީމެވެ. އެހިނިތުންވުން ރީތިކަމުންނެވެ. މީހުންގެ ހިތް ދަމައިގަންނަ ކަހަލަ ޖާދުވީ ބާރެއް ހުރިހެން ހީވެގެންނެވެ. އެކުއްޖާއަށް ބަލަން ހުއްޓާ އަހަރެންގެ ނަންބަރަށް ޖެހުނެވެ. އަހަންނަށް ދާންޖެހުނީ ޖެހިގެން އިން ކުއްޖާގާތަށެވެ. އޭނާގެ ކުރިމަތީގައި ހުއްޓެވުމާއެކު، އެހާ ގާތުން އެކުއްޖާ ފެނުމުން ލަދުގަތީ ޚުދު އަހަންނެވެ. އިންސާނަކު މިހާ ހުދުވާނެބާއޭ ހިތަށް އެރިއެވެ. މިއޭޝިޔާގައި މިހާ ދޮން މީހުން އުޅޭހެއްޔެވެ؟ ގައިމުވެސް އަހަރެންގެ ރަށަކު ނޫޅެއެވެ. އެ ޒުވާނާގެ މޫނަށް ގެއްލި، އާޝޯޚްވެފައި ހުއްޓާ، ބަލިމީހާގެ އައިޑީކާޑް ދިނުމަށް އެދުނެވެ. ތެޅިގަނެފައި އަހަރެން އަވަސް އަވަހަށް ސީމާގެ އައިޑީކާޑް ދިއްކޮށްލީމެވެ. އޭރުވެސް އޭނާގެ ނިޔަނެތި މޫނަށް ފިޔަވާ އެހެން ދިމާލަކަށް އަހަންނަކަށް ނުބެލެއެވެ. ކައުންޓަރުމަތީ ބަނޑު އަޅައިގެން އަހަންނަށް އޮވެވުނީ އޭނާއާމެދު ޝައުޤުވެރިވީލެއް ބޮޑުކަމުންނެވެ.
" ޝުކުރިއްޔާ"
އަހަރެން ސިހުނީ އެކުއްޖާ ތަންކޮޅެއް ބާރަށް އެހެން ބުނުމުންނެވެ. އަހަރެން ބަލާވަރު އޭނާއަށް ފާހަގަ ކުރެވުނީ ނޫންބާވައޭ ހިތަށް އެރިއެވެ. އޭޑީކޭއިން ނިކުމެގެން ތަންތަން ބަލަމުން އަހަރެން ނިކުތީ މަޖީދީމަގަށެވެ. ގެއަށްދާނީ ތަންތަން ބަލާލާފައޭ ހިތަށް އަރާ ކުރިއަށް ހިނގަން ފެށީމެވެ. މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ފިހާރަތަކުން، ފިހާރައަކަށްވަނީ އަގުތައް ޗެކްކޮށްލާށެވެ. އެއީ ފައިވާން ފިހާރައެކެވެ. އެތެރެއަށް ވަދެގެން ގޮސް ހުއްޓެވުނީ ފިހާރައިގެ ކައުންޓަރ ކައިރީގައެވެ. އަނެއްކާވެސް އަހަރެންގެ ދެލޯ އަމާޒުވީ އެތަނުގައި އިން ހިމަތޮޅި އަންހެންކުއްޖާއާ ދިމާލަށެވެ. ފަރި ބުރުގަލެއް އެޅި ނަމަވެސް ގަޔަށް ބާރު ޓޮޕެއް ލައިގެން އިން އެ އަންހެން ކުއްޖާ އިނީ ފޯނަށް ގެއްލިފައެވެ. ފޯނުން އޭނާ ބަލަމުންދާ އެއްޗަކުން އަމިއްލައަށް އިނދެގެން ހެނީއެވެ. މި ކުއްޖާއަކީވެސް އޭޑީކޭ ކައުންޓަރުން ފެނުނު ފަދަ ރީތި ޕަރީއެކޭ އަހަރެންގެ ހިތަށް އެރިއެވެ. ފިހާރައިގައި އެވަގުތު އަހަރެންގެ އިތުރުން އެއްވެސް ކަސްޓަމަރަކު ނެތެވެ. އެކަމަކު އަހަރެންގެ ފަހަތުގައި ބިދޭސީ ފިރެހެނަކު ހުއްޓެވެ. އެމީހާއާ ހެދި އަހަންނަށް އެކުއްޖާއާ ދިމާލަށް ބަލާވެސް ލެވެނީކީ ނޫނެވެ.
" އަހަރެންގެ ފަހަތުން ތި ހިނގަނީ މަ މިތަނުން އެއްޗެއް ނަގާފާނެތީތަ؟ "
އަހަންނަށް ބުނެވުނީ ރުންކުރު ގޮތަކަށެވެ.
" ނޫން. ކަމަކަށް ބޭނުންވެދާނެތީ! "
ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނެލިއެވެ. އެއާއެކު އަހަންނަށް ފޯނެއް އައިސްގެން ފަޓްލޫން ޖީބުން ފޯނުގަނޑު ނަގާ ޖަވާބު ދިނީމެވެ. " އެއްކޮޅަށޭ ނެގީ؟ މަ ބުނީމެއްނު ދެކޮޅަށް ނަގާށޭ! "
ރަށުން އަހަންނަށް ޓިކެޓް ނަގައިދިން ހުސޭނާ ދިމާލަށް އަހަރެން ބުނީމެވެ.
" އެކަމަކު މުފީދު ފައިސާ ދިނީ އެއްކޮޅަށް ވާވަރަށޭ! ދެންވެސް ދޭބަލަ ޓިކެޓް އޮފީހަކަށް! އެހެން ނޫނީ ރަށަކަށް ނާދެވޭނެ އަވަހަކަށް. ވަރަށް ބާރުބޮޑު ދުވަސްވަރެއްމީ! "
ހުސޭނު ވާހަކަ ދައްކަދައްކާ ހުއްޓާ އަހަރެން ފޯން ކަނޑާލީމެވެ. އެއަށްފަހު އަވަސް އަވަހަށް ނިކުމެ އަނެއްކާވެސް ކާރެއް ހުއްޓުވީމެވެ.
" ރުފިޔާކޮޅު ހުސްވާނީ ކާރަށް ދައްކާ ދައްކާ ކަންނޭނގެ! މިހާރު ހާދަ އަގުވެސް ބޮޑޭ ކާރުފީ! "
ކާރަށް އެރުމަށްފަހު ވޮލެޓްގައި ހުރި ރުފިޔާކޮޅު ގުނަމުން އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ. ޓިކެޓް އޮފީހާއި ހަމައަށް އާދެވުމާއެކު، ކާރަށް ފައިސާ ދެއްކުމަށްފަހު ފޭބީމެވެ.
" މާތްﷲގެ ކުޅަދުންވަންތަކަމާ!"
އަހަރެން އަންތަރީސްވީ ޓިކެޓް އޮފީހުގައި ޔުނިފޯރމް އަޅައިގެން ތިބި ދެތިން ކުދިން ފެނުމުންނެވެ. އެމީހުންގެ ތުންފަތްތަކުގެ ރަތްކަމާ، ބުމައިގެ ފަލަކަމާ، މޫނުމަތީގެ ސާފުކަން ފެނި އެތަނުން ނިކުންނަ ހިތެއް ނުވިއެވެ. ޚިދުމަތް ހޯދަން ތިބި މީހުން ނިމެންދެން އަހަރެން ގޮނޑިއެއްގައި މަޑުކޮށްލީމެވެ. އެކުދިންނަށް ބަލަން އިންދާ ކުއްލިއަކަށް މީހަކު ތެދުވެގެން ދިޔުމުން އަހަރެން ގޮސް އިށީނީ އެތަނުން އެންމެ ޗާލާކީކަން ބޮޑު މަންޖެގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އަދި އަހަރެން ބޭނުންވާ ޚިދުމަތުގެ ވާހަކަ ދެއްކުމަށްފަހު އަހަރެން ހަމަޖެހިލީ އޭނާއަށް ރަނގަޅަށް ބަލާލާށެވެ. މިއީ އާދައިގެ ރީތިކަމެއް ނޫނޭ އަހަރެން ހިތަށް އެރިއެވެ. އޭނާގެ ހިމަދިގު ކަނދުރާގައި އަޅާފައި އޮތް ރަންފަށްވެސް ކަނދުރާއާ އެއްކުލައެވެ. އިސްޖަހާލައިގެން އިނދެ ސިސްޓަމަށް ބަލަމުންދާއިރު އޭނާގެ ކަޅުކަންގަދަ، ދިގު އެސްފިޔަތައްވެސް އަހަންނަށް ވަރަށް ކަމުދިޔައެވެ. އެތަނުގައި އިންނަ އިރު ދުވަމުންދިޔަ އަންހެން ސެންޓުވަހުން ހިތްފުރެމުންދެއެވެ.
" ގައިމު މި ކުދިންވެސް މިއީ މީހުންގެ އަނބިން ކަންނޭނގެ! ހާދަ ރީއްޗޭ! ހާދަ ރީއްޗޭ! ތުނިކަމުންގޮސް ދެފުށް ފެންނަހެން ހީވަނީ! ކައުންޓަރުތަކުގައި މިތިބެނީ ހާދަ ރީތި ކުދިންނޭ! ނުބަލައެއް ނުހުރެވޭ ހަމަ.."
ހިތާހިތާ އަހަންނަށް ކިޔެމުންދެއެވެ. އެއާއެކު ފެނުނީ ހިނިތުންވުމެއްގައި އިން ޝެހެޒާދާ އަހަންނަށް ޓިކެޓް ދިއްކޮށްލިތަނެވެ. އެހިފައިގެން އަހަންނަށް ޖެހުނީ އެތަނުން ނިކުންނާށެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށްވެސް ކެރުނީކީނޫނެވެ. މާލެއައިސް އަހަންނަށް ވަންނަން ޖެހުނު ދެތިން ތަނުގެ ކައުންޓަރުންވެސް މިފެނުނީ ހޫރުޕަރީތަކެއްފަދަ ރީތި ކުދިންތަކެކެވެ. ޔަޤީނެވެ. އަހަރެން ފަދައިން އެތައް ފިރެހެނުންގެ ހިތް ކަތިލާނެއެވެ. އަނގައިން ބުނެލާ ހިނިތުންވެލާ ގޮތުންވެސް ހެޔަށް ގޮތްވާފަދައެވެ. އެކަހަލަ ރީތި ކުއްޖެއް އަހަންނަށްވެސް ލިބޭނެނަމައެވެ. ސައްވީސްގަޑިއިރުވަންދެން ބަލަން އިނަސް އަހަރެންގެ ހިތެއް ނުފުރޭނެކަން ގައިމެވެ. އެތުނިތުނި ދެއަތުން މަސައްކަތެއް ކޮށްލިޔަކަ ނުދޭނަމެވެ. މޫނަށް ހިރަފުސް އަރުވާކަށް ގޭދޮށް ކުނި ކަހާކަށްވެސް ނުޖައްސާނަމެވެ. ގައިން ނުބައިވަސް ދުއްވާކަށް ކައްކާކަށްވެސް ނުޖައްސާނަމެވެ. އިރުގެ ގަދަ އަލިން މޫނު ފިއްސާކަށް ގެއިން ބޭރަށް ނިކުތަކަ ނުދޭނަމެވެ. އޭނާގެ ވަގުތަކީ ހަމައެކަނި އަހަރެންގެ އެއްޗަކަށް ހަދާނަމެވެ.
ޚިޔާލީފޮލާ ކައްކަމުން ހިނިތުންވެ ހުރެ، ސިޑިން އަރައިގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ޚިޔާލްތައް ހުއްޓުމަކަށް އައެވެ. އެނދުމަތީގައި ނިދިފައި އެއޮތީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ އަނބިމީހާއެވެ. ތުއްތު ދަރިފުޅަށް ގާތުންދޭން އޮތްގޮތަށް އޭނާއަށް އޮތީ ނިދިފައެވެ. ކުޑަކޮށް އަނގަ ހުޅުވިފައި އޮތުމުން އެއްމިޔަކަނުން ސޮނި ފައިބަމުންދެއެވެ. ލައިގެން އޮތް ހެދުމުން ބައެއް އޮތީ ކެހިފައެވެ. އެހެންކަމުން ޖެލީގަނޑެއްފަދަ ބަނޑު މަސްގަނޑު، ގޮދަނޑިމައްޗަށް ދޫޖެހިފައި އޮތްތަން ފެނެއެވެ. ބޮލުގައި ހުރި ވައި އިސްތަށިތައް ކޮޅަށް ޖެހިފައި ހުއްޓެވެ. މޫނުމަތި ތެޔޮވެފައި ހުރުމުގެ ސަބަބުން މޫނުމަތިން އޮފުއަރައެވެ. އޭނާގެ މޫނުމަތިން އެއްވެސް ތާޒާކަމެއް ނުފެނެއެވެ. ދޮރު ހުޅުވާލިގޮތަށް އަހަންނަށް ހުރެވުނީ އޭނާއާއި ދިމާއަށް ބަލާށެވެ. ދަރިފުޅު ތެޅިގަތުމާއެކު އޭނާއަށް ހޭލެވުނެވެ. އަހަރެންވެސް އަވަސް އަވަހަށް އެތެރެއަށްވަނީމެވެ.
" މިއަދު ދަތުރު ކުރީމަ ވަރަށް ވަރުބަލި! ބޭބީ ވަރަށް ރޮއިފަ އެނިދީވެސް! ކާއެއްޗެއް ދެވުނީވެސް ވަރަށް ވަރުން! މުފީދު ބިޒީކޮށް އުޅޭނެތީވެ ނުގުޅީ! "
އޭނާގެ ވާހަކަތައް އަޑު އަހަމުން ގޮސް އަންހެނުންގާތު އޮށޯވެލީމެވެ. އަދި ލޯތްބާއެކު ބައްދާލީމެވެ. ތުއްތު ކުއްޖަކު ގޮވައިގެން އުޅޭއިރު އަނބިމީހާ ވަރުބަލިވާނެކަމާ، ތާޒާކަންމަތީ އަބަދު ނުހުންނާނެކަން އަހަންނަށް ވިސްނުނެވެ. ދެން އަހަރެން ހަނދާންވީ ކައުންޓަރު ތަކުން ފެނުނު އަންހެން ކުދީންތައް މަތިންނެވެ. އެއާއެކު އަހަރެންގާތަށް އައީ ލާނެތް ހިންޏެކެވެ. އެހެންކަމުން އަހަރެންގެ ފޮނި، ހިތަށް އަވަހަސް ވިސްނައިދޭންފެށީމެވެ.
ގެއަށް އައިސް ވަދެ އޮންނަން ޖެހޭނީ ހަމަ އަނބިމީހާގާތުގައެވެ. އަހަންނަށް އަޅާލާ އޯގާތެރިވެދޭ ލޯބިވާ ބައިވެރިޔާ ގާތުގައެވެ. އޭނާގެ ރީތިކަމާ ޗާލުކަން ނަގާލީވެސް ހަމަ އަހަންނެވެ. އޭނާގެ މުޅި ދިރިއުޅުން ވޭތުކުރަނީ އަހަރެންގެ ޚިދުމަތުގައެވެ. މާލެއައިސް ވަންނަ ކޮންމެ ތަނެއްގެ ކައުންޓަރގައި ތިބޭ އަންހެން ކުދިންނަށް ހިތް ދޫލިގެން ހިނގައިދާނޭ ހީކުރީހެއްޔެވެ؟ ހަމަ ހިލާ އެހެންނެއް ނުވާނެއެވެ. އަހަރެންގެ އަންހެނުންވެސް އެކުދިން ފަދައިން މޭކަޕްކޮށްލީމަ ހުންނާނީ ހަމަ އެހެންނެވެ. ކައުންޓަރުތަކުގެ ދިރުމަކީވެސް ހަމަ މޭކަޕެވެ.
( ނިމުނީ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!