ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ހިންގާ ކެމްޕޭން ރާވާ ހިންގުމުމުގެ އެންމެ އިސް ބޭފުޅެއްގޮތުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ހަމަޖައްސަވައިފިއެވެ.

ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ޖުމްހޫރީ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

Ad
rt

މިހާރު ޕީއެޗްޑީއަށް ކިޔެވުމުގެ މަރުހަލާ ވެސް ފުރިހަމަ ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް ޖޭޕީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކުރާނެ ކެމްޕޭން ރޭވުން ލީޑް ކުރެއްވުމުގެ މަސައްކަތް ޑެޕިއުޓީ ލީޑަރު އަމީން އާއި ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ހަވާލުކުރައްވާފައިވާ ކަމަށެވެ.

ޖޭޕީގެ ކައުންސިލް މެންބަރަކު މިއަދު ''ތިލަދުން'' އަށް ވިދާޅުވި ގޮތުގައި ޤާސިމް މިއަދު ހެނދުނު ޕާޓީގެ ކައުންސިލުން ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އަމީނާއި އެ މަސައްކަތް ހަވާލު ކުރެއްވިކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

''ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޕްލޭނިންނާއި ގުޅޭ ހުރިހާ މަސައްކަތެއް އަމީން އާއި ހަވާލު ކުރެއްވި ކަމަށް ލީޑަރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވޭ، ޕާޓީގެ ލީޑަރުޝިޕާއި، އިދާރީ މުވައްޒަފުންނާއި، ކައުންސިލް މެންބަރުން އެކަމުގައި އަމީނަށް އެއްބާރުލުން ދެއްވުމަށް ލީޑަރުގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައި، އަދި ކެމްޕޭންގައި ހުރިހާ މެންބަރުންގެ މުހިންމު ދައުރެއް އޮތްކަން ވެސް ފާހަގަ ކުރައްވާފަވޭ'' އޭނާ ބުންޏެވެ.

ޖޭޕީގެ ރިޔާސީ ކެމްޕޭން ރާވާ ހިންގުމުމުގެ އެންމެ އިސް ބޭފުޅެއްގޮތުގައި އަމީން ހަމަޖެއްސެވިއިރު، އެ ޕާޓީން ރިޔާސީ އިންތިޚާބުގައި އިއްތިހާދުވާން ޝައުގުވެރިވާ ފަރާތްތަކާ މަޝްވަރާކުރުމަށް ޤާސިމް އެކުލަވާލި ތިން މެންބަރުންގެ ކޮމެޓީގެ ޗެއާ އަކީ ވެސް އަމީނެވެ. ދެން އެ ކޮމެޓީގައި ހިމެނެނީ މަޝްހޫރު ޤާނޫނީ ވަކީލު، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން އާއި، ޖޭޕީ ލީޑަރުގެ އެޑްވައިޒަރު، ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.