ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.
ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ބާ ކައުންސިލްގެ ނިމުނު ދައުރުގެ އެގްޒެކް ކޮމެޓީގެ މެންބަރުކަން ވެސް ކުރެއްވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ ޑރ. އަނާރާ ވިދާޅުވީ، ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ ކަމަށެވެ. އަދި އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެންނުވާނެ ކަމަށެވެ.
''ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސްވަނީ އަޅާ ހެދުމަކުން ތަފާތުކުރެވިގެން ނުވާނެކަމަށް'' ރޯދަ މަހުގެ ތަހުނިޔާ ފޮނުއްވަމުން އަނާރާ ވިދާޅުވެފަވެއެވެ.
ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެންވާނެ، އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެންނުވާނެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސްވަނީ އަޅާ ހެދުމަކުން ތަފާތުކުރެވިގެން ނުވާނެކަމަށް. ރަމަޟާން ކަރީމް.
— Dr. Anara Naeem (@AnaraNaeem) March 22, 2023
އަނާރާ މިހެން ވިދާޅުވެފައި މިވަނީ، އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދާން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ވަނީ އެދިފަ އެވެ. މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް އެ ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!