މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިން ކަމަށާއި މީގެތެރޭގައި އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެން ވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ފައިސާ ބަލައިގަންނަން ޑެސްްކް ޤާއިމްކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ޚާއްސަކޮށްގެން." އިސްލާމިކް މިނިސްޓްރީން ބުންނެވެ.

އެ މިނިސްޓްރީން ބުނީ މި ޚިދުމަތް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އިސްލާމިކް މިނިސްޓްރީ ހޯލުގައި ދެމުންދާނެ ކަމަށެވެ.

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

* އާދައިގެ ހަނޑޫ - 12 ރުފިޔާ
* ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
* ރަތް ހަނޑޫ - 99 ރުފިޔާ
* ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ
* ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ
* ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
* އާދައިގެ ފުށް - 12 ރުފިޔާ
* އާޓާ ފުށް - 75 ރުފިޔާ

ޒަކާތް ދެއްކޭނެ ގޮތްތައް:

* ދިރާގު - ދިރާގު ޕޭ
* އުރީދޫ - އެމް ފައިސާ
* މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
* ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
* ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
* މިނިސްޓްރީ އޮފް ފިނޭނެސް - ބަނޑޭރި ޕޯޓަލް

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.

ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށާނީ ރަމަޟާންމަހުގެ ފަހުކޮޅުގައި ކަމަށް ވެސް ބުނެއެވެ.