ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވާ އިހްޔާ ފޯރަމް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ އިހްޔާ ފޯރަމްތައް 23 މާރިޗް ވާ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ.

Ad
rt

މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ފައިބެއަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް މާލޭގައި އިޙްޔާ ޕްރޮގްރާމްތައް އޮންނާނީ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކަމަށާއި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ 9:30 ގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ ޕްރޮގްރާމްގައި ތަޤްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. މި ޕްރޮގްރާމްގެ މައުޟޫޢުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” އެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ (24 މާރިޗް 2023) އައްޑޫ ހައި ސްކޫލް ހޯލްގައެވެ.

”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.