ރައީސް އިބްރާޙީމް މުޙައްމަދު ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންބަލަން ފަށައިފިއެވެ.

241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން މޮޓޯކޭޑުގައި ވަޑައިގެންނަވަނިކޮށް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކައިރިންނެވެ.

މި މައްސަލައިގައި ހަތަރު މީހަކު، ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމްއެންޑީއެފުން ވެސް ބުނެފައިވަނީ ރައީސްއަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ފެއިލްވިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކަން ހިނގާދިޔަގޮތް ރަނގަޅަށް ބަލާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.