އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީއާއި ބާންލީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ރޭގެ މެޗުގައި ހާލަނޑް ހެޓްރިކް ހަދާފައިވާއިރު ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗުގައި ވެސް އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ. މި ދެ މެޗުން އަށް ލަނޑު އޭނާ ޖަހާފައިވާއިރު، މި ސީޒަންގައި މިހާތަނަށް ވަނީ 42 ލަނޑު ޖަހާފައެވެ. ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގައި ވެސް ލަނޑު ލިސްޓްގެ ކުރީގައި މިވަގުތު އޮތީ ހާލަންޑް އެވެ. މި ސީޒަންގައި ހާލަންޑް މިހާތަނަށް ވަނީ ހަ ހެޓްރިކް ހަދާފައެވެ.

Ad
rt

ރޭގެ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ 32 ވަނަ މިނެޓުގައެވެ. މި ލަނޑު ހާލަންޑް ޖަހާފައިވަނީ އެ ޓީމްގެ ހޫލިއަން އަލްވަރޭޒް މެދުން ކުޅުނު ތްރޫ ޕާހަކުން ތަނަވަސްވީ ފުރުޞަތެއްގައެވެ. ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ހާލަންޑް ވަނީ ސިޓީއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ފޮޑެން ބާންލީގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސިޓީއަށް ތިންވަނަ ލަނޑު ޖަހައިދީ ހާލަންޑް ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ސިޓީން އުފެއްދި ހަމަލާއެއް ބާންލީގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ

ސިޓީއަށް ހަތަރުވަނަ ލަނޑު 62 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިންއިރު، ފަސްވަނަ ލަނޑު ޖަހައިދީފައި ވަނީ ހާލަންޑްގެ ބަދަލުގައި ކުޅެން ނުކުތް ކޯލް ޕަލްމާއެވެ. ސިޓީއަށް ހަވަނަ ލަނޑު 73 ވަނަ މިނެޓުގައި ޑިބްރޭނާ ކުޅުނު މޮޅު ބޯޅައަކުން ތަނަވަސްވީ ފުރުޞަތުގައި ހޫލިއަން އަލްވަރޭޒް ވަނީ ބޯޅަ ހިފައިގެން ބާންލީގެ އޭރިއާތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލާފައެވެ.

އެފްއޭ ކަޕް ކުއާޓާގެ ބާކީ އޮތް ތިން މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދަށެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 17:00 ގައި ޝެފީލްޑް ޔުނައިޓެޑް ނުކުންނާނީ ބްލެކްބާން ރޯވާސްއާއި ދެކޮޅަށެވެ. މިރޭ 19:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ބްރައިޓަންއާއި ގްރިމްޕްސްބީ ޓައުންއެވެ. މިރޭ 21:30 ގައި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ފުލަމްއާއެވެ.