ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

Ad
rt

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވާއިރު، ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މި މާރިޗު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 3:45 ގައެވެ.

ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

މި މަހުގެ 16 އިން 19 އަށް، ހާއްސަ ޕްރޮމޯޝަނަލް ފެއާއެއްގެ ދަށުން އެ އެއަރޕޯޓަށް ދަތުރުކުރެވޭއިރު، ޓިކެޓް ބުކިންގސް ހެދުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބުނެފައިވަނީ އެއްކޮޅު ޓިކެޓު 1,574 ރުފިޔާއަށް ލިބޭނެ ކަމަށާއި ދެކޮޅު ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާ ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ވަނީ ގާއިމުކޮށްފައެވެ. އަދި ފަޔަރ ބިލްޑިންގއަކާއި ޓަރމިނަލް ބިލްޑިންގ ވެސް ވަނީ ގާއިމް ކޮށްފަައެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ.