ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގެ މެޗުގައި ރޭ މެންޗެސްޓާ ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ލައިޕްޒިގްގެ ދަނޑުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ރޭގެ މެޗު ކާމިޔާބު ކޮށްގެން ކުއާޓާއިން ޖާގަ ހޯދުމުގެ ހަމަހަމަ ފުރުޞަތު ދެ ޓީމަށް ވެސް އޮތެވެ. ދެވަނަ ލެގުގެ މެޗު ރޭ ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު، ސިޓީން ވަނީ 7-0 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 8-1 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ.

Ad
rt

ރޭގެ މެޗުގައި ސިޓީގެ ފޯވާޑް ބްރައުޓް ހާލަންޑް ވަނީ ފަސް ލަނޑު ޖަހާފައެވެ. ޗެމްޕިއަންސް ލީގު މެޗެއްގައި މީގެ ކުރިން ފަސް ލަނޑު ޖަހާފައި ވަނީ ދެ ކުޅުންތެރިއެކެވެ. އެއީ ޝަހުތަރު ޑޮނެސްކަށް ކުޅުނު ލުއިޒް އެޑްރިއާނޯ އާއި ބާސެލޯނާ އަށް ކުޅުނު ލިއޮނަލް މެސީ އެވެ.

ރޭގައި ޖެހި ފަސް ލަނޑާއިއެކު ހާލަންޑް ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 30 އަށް އަރާފައެވެ. ހާލަންޑް ވެފައި ވަނީ އެންމެ އަވަހަށް ޗެމްޕިއަންސް ލީގުގައި ތިރީސް ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން އެންމެ ހަގު އުމުރުގައި 30 ލަނޑު ޗެމްޕިއަންސް ލީގުގައި ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހާލަންޑް ވަނީ ރޭގެ ލަނޑު ތަކާއިއެކު މުގުރާލާފައެވެ.

ރޭ ސިޓީއަށް ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދީފައި ވަނީ ހާލަންޑެވެ. މި ޕެނަލްޓީއަކީ ލައިޕްޒިގްގެ އޭރިއާތެރެއިން އެ ޓީމްގެ ބެންޖަމިން ހެންރިކްސް އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށް ފަހު ދީފައިވާ ޕެނަލްޓީއެކެވެ. އެ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޑިބްރޭނާ ފޮނުވާލި ބާރު ހަމަލާއެއް ދަނޑީގައި ޖެހިފައި ނުކުތްވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ހާލަންޑް ވަނީ ސިޓީއަށް ތިންވަނަ ލަނޑު ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ސިޓީން މެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ވަރުގަދަކޮށެވެ. މިގޮތުން ދެވަނަ ހާފު ފެށިތާ ދެ މިނެޓްތެރޭ ސިޓީގެ ގުންޑަގަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސިޓީއަށް ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިންއިރު، ފަސްވަނަ ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ ވެސް ހާލަންޑެވެ. އެއަށްފަހު ސިޓީގެ ހަވަނަ ލަނޑު ހާލަންޑް ޖަހާފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. ސިޓީގެ ހަތްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލައިޕްޒިގްގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީކަނަށް ވައްދާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑިބްރޭނާއެވެ.

ގަދަ ސޯޅައިގެ ބުރުގައި ރޭ އިންޓަ މިލާނާއި ޕޯޓޯ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ދެ ޓީމް އިންޓަގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓައިންނެވެ. ވުމާއެކު ރޭގެ މެޗު އެއްވަރުވުމުން އެގްރިގޭޓް ނަތީޖާއިން ކުރިލިބި އިންޓަ ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ.