މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރައްވާފައެވެ.

Ad
rt

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން، 1948 ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ބޮޑު ބަދަލެއް އައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އެއީ ރާއްޖޭގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއް. ޞިއްޙީ ޚިދުމަތަކުގެ ފެންވަރުމަތިވެ، ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާ ކްލިނިކުތަކާ ޞިއްޙީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް." ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާ، އެމަނިކުފާނު ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ޚާއްޞަ މަރުކަޒެއް ޤާއިމުކުރުން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ފެށުމާއި މި ނޫންވެސް ޞިއްޙީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ޚިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވަމުން އަންނައިރު، ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ޞިއްޙީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ޞިއްޙީ އިތުރު ޚިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.

މީގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމާއި އަދި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވިޔަސް ތަރައްޤީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ހަފުލާގައި، ރައީސް ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.