މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ތަޢުލީމީ ނިޒާމް މުޅިން ބަދަލުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ނުއިވޭ އަޑުތައް" މި ނަމުގައި އެ ޕާޓީން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
"އުފާވެރި ޒުވާނާ"ގެ ނަމުގައި ބޭއްވުނު މި ފޯރަމްގައި ނާޒިމް ވިދާޅުވީ ކުއްޖާ ސްކޫލަށް ގެންދަންޖެހޭނީ އެއް ފަހަރު ކަމަށާއި ބެލެނިވެރިން ދެން ސްކޫލަށް އެދުވަހު ދާންޖެހޭނީ ކުއްޖާ ބަލާ ކަމަށެވެ. އަދި ކުދިން ޓިއުޝަނަށް ފޮނުވަންވެސް ނުޖެހޭނެ ކަަމށެވެ.
ބައެއް ފަރާތްތަކުން އެއްދަންފަޅީގެ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް، އަމަލީ ގޮތުން އެކަން ތަންފީޒުނުކުރައްވާތީ އެކަމަށް އިޝާރަތްކުރައްވައި ނާޒިމް ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ސްކޫލުތަކުގެ ކިޔެވުމާއި އިތުރު ހަރަކާތައް އޮންނާނެ ގޮތް ސިފަކޮށްދެއްވާފައެވެ.
"އޭރުން ދަރިވަރު ހެނދުނު ސްކޫލަށް އައުމަށްފަހު ހަވީރު ގެއަށް ދާއިރު އިތުރު ޙަރަކާތްތަކާއި ހުނަރުތަކާ ކުޅިވަރުތައްވެސް ހިމެނޭހެން އެދުވަހަކު ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭނެ ގޮތަށް ސްކޫލުގެ ވަގުތާއި އިންތިޒާމް ހަމަޖެހިގެން ދާނެ." ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލުތަކުން މިހާރު ފެންނަނީ ކަރިކިއުލަމަށް ކިޔަވައިދޭ ސެޝަން ނިމުމުން ކުދިން ގެއަށް އައިސް، އިތުރު ހަރަކާތްތަކާއި ސްކޫލުގެ އެކިއެކި ކަންކަމަށް ދުވަހުގެ އެކި ގަޑިގަޑީގައި ދަރިވަރުން ސްކޫލަށް ގެންނަ މަންޒަރުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެގޮތުން ހަވީރާއި އިރާކޮޅު އަދި ރޭގަނޑުގެ ގަޑިތަކުގައިވެސް ދަރިވަރުން ސްކޫލަށް ގެނަސް ކްލާސްތަކާއި ޙަރަކާތްތައް ބާއްވާތަން ފެންނަ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިކަމުގެ ސަބަބުން ބެލެނިވެރިންނަކީ ދުވާލު ހަތަރުދަމު ދަރިވަރުން ސްކޫލަށާއި ޓިއުޝަންފަދަ ތަންތަނަށް ގެންގޮސް ގެންނަ ބަޔަކަށްވެ، މިކަމުގެ ޝަކުވާގެ އަޑު ބެލެނިވެރިންގެ ފަރާތުން ތަކުރާރުކޮށް އިވޭ ކަމަށެވެ. އަދި އާއިލީ ކަންކަމަށް ވަގުތު ނުލިބޭ ކަމުގެ ޝަކުވާވެސް ކެނޑިނޭޅި ބެލެނިވެރިން ކުރަމުން އަންނަކަމަށެވެ.
އެހެންނަމަވެސް މި ކަމަށް ހައްލެއް ގެންނަން އެއްވެސް ފަރާތަކުން މަސައްކަތް ކުރާތަން ނުފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކުދިން ސްކޫލަށް ގޮސް ހުރިހާކަމެއް ނިމިގެން ދެން ގެއަށް އަންނަ ގޮތަށް ހެދުމުން ދަރިވަރު ހަވީރު ގެއަށް އައިސް ދެން އޮންނާނީ އާއިލާއާއެކު ވަގުތު ހޭދަކުރުމާއި ޕާކަށާއި ތަންތަނަށް ޒިޔާރަތްކުރުން ކަމުގައެވެ. އަދި އެގޮތަށް އާއިލާތަކުން ކުޑަކުދިން ގޮވައިގެން ކުޅިވަރާއި އެކިއެކި ކަންކަމަށް ގޮސް އުޅެވޭނެ ތީމް ޕާކުތައްވެސް ހައްދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަމިއާއެކު ރާއްޖޭގެ މިހާރުގެ ޙާލަތު ސިފަކުރައްވަމުން ނާޒިމް ވިދާޅުވީ މިހާރު ސްކޫލުން ކުދިން އައިސް ގޭގައި ތިބޭއިރު، ގިނަ ވަގުތު ގޭމް ކުޅުމުގައި ވަގުތު ހޭދަކުރާކަން ފާހަގަކުރައްވައި އެކަންވެސް މި ސިޔާސަތުގެ ސަބަބުން ބަދަލުވާނެކަން ފާހަގަކުރެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި އިތުރު ޙަރަކާތްތަކާއި، ކުޅިވަރާއި ހުނަރުތައް ހިމެނޭ ޙަރަކާތްތައްވެސް އެކަށީގެންވާ ގޮތަށް ހިންގަވާނެކަމުގައެވެ. އަދި ކޮންމެ ކުއްޖަކުވެސް ކޮންމެވެސް އެއް ޙަރަކާތެއްގައި ބައިވެރިވާ ގޮތަށް ހައްދަވާނެއެވެ.
އެގޮތުން ކެޑޭޓް، ގާލްގައިޑް، ސްކައުޓު ފަދަ ޙަރަކާތްތަކުން ކުއްޖާ ޑިސިޕްލިންވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކަންކަމާ ކުރިމަތިލުމާ، ކަންކަން ކުރަން ދަސްވުމާ ހުނަރުތައް ދަސްކުރުން ހިމެނޭނެއެވެ. އަދި ޓީމްވާކް ފަދަ އިޖުތިމާޢީ ސިފަތައްވެސް އަށަގެންނުވޭނެއެވެ.
ރާއްޖޭގައި ޓިއުޝަނުގެ ކަންތައް ހިނގަމުން ދަނީ އޭގެ ނޭދެވޭ ގޮތުގައިކަން ސިފަކުރައްވައި ނާޒިމް ވިދާޅުވީ މިހާރު ޓިއުޝަނުގެ "ވަބާ" ރާއްޖޭގައި އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރިންގެ ޓިއުޝަން ފީއަށް އާމްދަނީން ބޮޑު އެއްޗެއް ބެލެނިވެރިން ހޭދަކުރާކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ތަޢުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން މިހާރު މި އޮންނަ ނުރަނގަޅު ޓިއުޝަނުގެ ކަލްޗަރ އުވާލައްވާނެކަމުގައި ނާޒިމް ވިދާޅުވިއެވެ.
އެމް.އެން.ޕީ. ގެ މި ސިޔާސަތު ތަކަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމާމެދު ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ގިނަ މައްސަލަތަކަށް ޙައްލު ގެނުވާނެ ސިޔާސަތުތަކެކެވެ. އެއީ ރަނގަޅު ތަޢުލީމަކަށް ޓިއުޝަނަށް ބަރޯސާވާން ޖެހުމާ، ދުވާލަކު އެތައް ފަހަރަކު ދަރިވަރުން ސްކޫލަށް ގެންގޮސް ގެންނަންޖެހުމާ އެކަމުގެ ސަބަބުން ބެލެނިވެިރންނާއި ދަރިވަރުންނަށް ޢާއިލީ ވަގުތު ހޯދަން ދަތިވެފައިވުން ފަދަ ކަންކަމެވެ. އަދި މިއީ ސްކޫލުތަކުގެ ޓީޗަރުންގެވެސް ޝަކުވާއަކަށްވެސް ވެފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!