އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑު ދެމެހެއްޓިއިރު، މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

މިރޭ އާސެނަލުން ވަނީ ފުލަމްގެ ދަނޑުގައި 3-0 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ކުރި ހޯދާފައެވެ.

Ad
rt

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޓްރޮސާޑް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މަގާޅެސް އެވެ.

މެޗުގައި އާސެނަލް އަށް ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މާޓިނެއްލީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމްގެ ޓްރޮސާޑް ފުލަމްގެ ގޯލު ކުރުމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އާސެނަލަށް މެޗުގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އޮޑެގާޑެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓްރޮސާޑް ފުލަމް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކުރިމަތީހުރި ޑިފެންޑަރުގެ ގައިން ނައްޓާލައި އޮޑެގާޑް ވަނީ އެ ބޯޅަ ގޯލުގެ ދުރުކަނަށް ފޮނުވާލާފައެވެ.

މި މެޗުން މޮޅުވެ އާސެނަލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. އާސެނަލް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސިޓީއަށް 27 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ.

މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގެ ބޮޑުބައި ޔުނައިޓެޑުން ކުޅެފައި ވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރ ކަސެމީރޯ ސައުތެމްޓަންގެ ކާލޮސް އަލްކަރާޒް އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ކަސެމީރޯއަށް ރަތްކާޑު ދައްކާފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 26 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ. ހަތަރު ވަނާގައި އޮތް ޓޮޓެންހަމަށް 27 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ. ސައުތެމްޓަން މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.