ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް އިންޑިއަން އޯޝަން" ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ ޚާއްސަ ކޮންފަރެންސްގައެވެ.

Ad
rt

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކަށް ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ރާއްޖެއަށް ތިމާވެށީގެގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ކުއްލިއަކަށް ހިނގާކަމަކުން ނުވަތަ ޙާދިސާއަކުން އެކަނި ކުރިމަތިވާ ކަންތައްތަކެއް ނޫންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

"ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ، މުރަކައިގެ ފަރުތަކަށް ލިބޭ ގެއްލުންތައްފަދަ ދިގުދެމިގެންދާ ކަންތައްތަކުންވެސް އެތަކެއް ނުރައްކާތަކެއް ވެއްޓަށް ދަނީ ލިބެމުން. މިއީ މިއަދު ސައިންސްގެ ހޯދުންތަކުގެ އަލީގައި ފެންނަން ހުރި ހަޤީޤަތްތަކެއް." ސަބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަން ފާހަގަކުރައްވައި، ވިދާޅުވީ އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާ ކަމަށެވެ.