ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، ގުރައިދޫ، ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ތައާރަފް ކުރުމުގެ ދަތުރުތައް މިއަދު އެ ޕާޓީން ފަށައިފިއެވެ.
ކެންޑިޑޭޓް ތައާރަފް ކުރުމުގެ މި ދަތުރުގައި ކެންޑިޑޭޓާއެކު ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
އެމްއެންޕީން ބުނި ގޮތުގައި ކެންޑިޑޭޓް ތައާރަފް ކުރުމުގެ ފުރަތަމަ ދަތުރުގައި މިއަދު ޒިޔާރަތް ކޮށްފައި ވަނީ ގުޅި އަށެވެ. މާދަމާ މާފުއްޓަށް އަދި އަންގާރަ ދުވަހު ގުރައިދޫއަށް މި ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.
މި ދަތުރުގައި އެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީތަކާއި، ކްލަބް ޖަމިއްޔާތަކާއި، ބައެއް ކުޅިވަރު ޓީމްތަކާއި ބައްދަލުކޮށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ. މިގޮތުން މިއަދު ގުޅިއަށް ކުރި ޒިޔާރަތުގައި ވެސް ވަނީ އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެރަށު އަންހެން ވޮލީ ޓީމާއި ބައްދަލުކޮށްފައެވެ.
އެމްއެންޕީ އަކީ އެ ޕާޓީގެ ޅަފަތުގައި ވެސް ރާއްޖޭގައި ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަމުން އަންނަ ޕާޓީއެކެވެ. މިގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެސް އެ ޕާޓީން ވަނީ ވާދަކޮށްފައެވެ. އަދި ބައެއް އަންހެނުންގެ ކޮމެޓީތަކަށް މެންބަރުން ހޮވަން ބޭއްވި ބައި-އިލެކްޝަންތަކުގައި ބޮޑެތި ޕާޓީތަކުގެ މައްޗަށް ކުރި ހޯދާފައި ވެސް ވެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުހައި ހުންނެވި އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް އެވެ. އަދި ޕީޕީއެމް އިން ވާދަކުރާނީ އަވަހާރަވި ރިޟާގެ ކޮއްކޮ ހުސައިން ރިޒާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!