މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ނުވަތަ "މިއާ" ރަސްމީކޮށް ހުޅުވައިފި އެވެ. މިއަދު މިއެއާޕޯޓް ހުޅުވައިދެއްވީ މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މާފަރު އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެސްވެފަ އެވެ. ނ އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ނ އަތޮޅު ރިސޯޓް ތަކުގެ މެނޭޖަރުންވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

Ad
rt

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން އަސްލަމް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމަކީ މިދިޔަ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ސަރުކާރުން އެ ސިޔާސަތު ތަންފީޒު ކުރާނެކަމަށެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވަނީ 2007 ވަނަ އަހަރުއެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެފައިވާއިރު މިއީ މިރަށު ރައްޔިތުން ވަރަށް ދުވަހު ކުރަމުން އައިދިގު އިންތިޒާރެކެވެ.

މި އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު މިއަދު ހުޅުވާވިއިރު ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އެއް އަޅާފައިވެ އެވެ. ރަންވޭއާއެކު މި އެއާޕޯޓުގައި ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޖެއް ވެސް ހަދާފައިވެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން އޮޕަރޭޓް ކުރާ މި އެއަރޕޯޓްއިން ރާއްޖޭން ބޭރަށްވެސް ދަތުރު ކުރާނެ އެވެ. މީގެ އިތުރުން މި އެއާޕޯޓުން ބޭރުގެ އެހެން ގައުމުތަކަށްވެސް ފްލައިޓުތައް ބާއްވަން ހަމަޖެހިފައިވާއިރު މި ސަރަހައްދަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހުރިތަނަށްވާތީ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ވެސް މިއެއަރޕޯޓުގެ ބޭނުން ކުރާނެ ކަމަށް ލަފާކުރެވެއެވެ.

މާލެ އިން މާފަރަށް ދިއުމަށް މިވަގުތު އެއްކޮޅު ޓިކެޓް މޯލްޑިވިއަން އިން ވިއްކަނީ 750ރ. އަށެވެ. މޯލްޑިވިއަން އިން މި އެއާޕޯޓަށް ދުވާލަކު ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.