އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ހަނިގޮތަކަށް އެ ޓީމް މޮޅުވިއިރު، ޗެލްސީ ވެސް އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި ސިޓީ ބައްދަލު ކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއެވެ. މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. މިގޮތުން ސިޓީގެ މިޑްފީލްޑަރ ރޮޑްރީ ޕެލަސްގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޕެލަސްގެ ކީޕަރު މަތަކުރި އިރު، ގްރީލިޝް ބޯޅަ ހިފައިގެން ގޮސް ޕެލަސްގެ އޭރިއާތެރެއަށް ވަދެ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ސިޓީގެ ފޯވާޑް ހާލަންޑަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އާކޭ ތިރިން ޕެލަސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ހާލަންޑް އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފުގައި ޕެލަސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޮޑެން ފޮނުވާލި ހަމަލާ ޕެލަސްގެ ކީޕަރު ގުއައިޓާ މަތަކުރި އިރު، ސިޓީން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. މިއީ ހާލަންޑް މި ސީޒަންގައި ޖެހި 34 ވަނަ ލަނޑެވެ.
މި މެޗުން މޮޅުވެ ސިޓީން ވަނީ އެއްވަނާގައި އޮތް އާސެނަލްއާއި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ސިޓީ ދެވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 61 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް އާސެނަލް އަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު އާސެނަލް އަށް އެބައޮތެވެ.
ދަށް ނަތީޖާތަކަކަށް ފަހު ނަތީޖާ ރަނގަޅުވާން ފަށާފައިވާ ޗެލްސީ ވަނީ ރޭ ލެސްޓާ ސިޓީ އަތުން 3-1 ގެ ނަތީޖާއިން މޮޅުވެފައެވެ.
ރޭގެ މެޗުގައި ޗެލްސީއަށް ލަނޑުތައް ޖަހައިދީފައި ވަނީ ބެން ޗިލްވެލްއާއި ކައި ހަވާޓްޒްގެ އިތުރުން މަޓެއޯ ކޮވެސިޗެވެ. ލެސްޓާއަށް ލަނޑު ޖަހައިދީފައި ވަނީ ޕެޓްސަކް ޑަކާ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް 26 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މެޗުން ބަލިވި ޕެލަސް މިވަގުތު އޮތީ ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!