ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް

Ibrahim Shareef - Mavota

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އަވަށްޓެރި ޤައުމު ތަކާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ޤައުމުގެ އެންމެ މަތީ މަސްލަހަތާއި ގުޅޭ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ދަނީ ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ޤައުމުތަކާ ގުޅުން ބަދަހި ކުރަމުން ކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ދިވެހިން ބޭރު ޤައުމުތަކަށް ދަތުރު ކުރުމުގައި ކުރިން ވިސާ ނަގަންޖެހުނު އެތައް ޤައުމަކަށް ފްރީ ވިސާގައި މިހާރު ދަތުރު ކުރެވޭކަން ވެސް ފާހަގަ ކުރައްވާފައެވެ.

‘’ރައީސް ޞާލިޙްގެ އިންޑިއާ ފަސްޓް ޕޮލިސީއަކީ ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތަށް މުހިންމު ސިޔާސަތެއް، އިންޑިއާ ފަދަ ރީޖަނަލް ޕަވާއަކާއެކު ގާތް ގުޅުމެއް އޮތުމަކީ އިންޑިއާ ކަނޑުގެ ސުލްހަ މަސްލަސްކަމަށް ވަރަށް މުހިންމު ކަމެއް’’ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ފާގަތިކަން ދަމަހައްޓައި، މަސް ކަނޑުތަކުގެ ރައްކާތެރިކަން ދެމެހެއްޓޭނީ ވެސް އިންޑިއާ ކަނޑުގެ އަމާންކަމާއި ސުލްހަވެރިކަން ގާއިމުވެފައި އޮވެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްދޭ ސިޔާސަތެއް ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި