ސްޕެނިޝް ލީގުގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ އެސްޕަނިޔޯލުންނެވެ. މި ލނަޑު މެޗުގެ 8 ވަނަ މިނެޓުގައި އެސްޕަނިޔޯލްގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް ހޯދައި އެ ޓީމްގެ ސަންޗޭޒް ސައޭޒް ރެއާލުގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖޯސެލޫއެވެ. އޭގެ އިރުކޮޅެއްފަހުން އެސްޕަނިޔޯލަށް ރެއާލުގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ހުރަސްވީ ބޯޅާގައި ލަނޑުޖަހައި ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުޞަތެއް އެ ޓީމްގެ ކޮސްޓާއަށް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.

Ad
rt

މެޗުގެ ނަތީޖާ ރެއާލުން ހަމަހަމަ ކޮށްފައި ވަނީ 22 ވަނަ މިނެޓުގައި ވިނީސިއަސް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ވިނީސިއަސް ޖަހާފައި ވަނީ ޓޯނީ ކްރޫސް ދިން ބޯޅައެއް ހިފައިގެން އެސްޕަނިޔޯލްގެ އޭރިއާތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ޗުއަމެނީ އެސްޕަނިޔޯލްގެ އޭރިއާތެރެއަށް މަތިން ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މިލިއާޓޯއެވެ.

މެޗުގެ ރެއާލަށް ތިންވަނަ ލަނޑު ޖަހައިދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެސެންސިއޯއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ނަޗޯ ރެއާލުގެ ފަހަތުން ބޯޅަ ހޯދައިގެން ގޮސް އެސެންސިއޯއަށް ހުސް ކޮށްލާފައި ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލާފައެވެ.

ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލަށް މި މޮޅާއިއެކު ކުޅުނު 25 މެޗުން ވަނީ 56 ޕޮއިންޓް ލިބިފައެވެ. ރެއާލަށްވުރެ އެއް މަޗު މަދުން ކުޅެ ބާސާއަށް ވަނީ 62 ޕޮއިންޓް ލިބިފައެވެ. މިވަގުތު މި ދެ ޓީމްގެ ދެމެދުގައި ހަ ޕޮއިންޓްގެ ފަރަހެއް އޮތް ނަމަވެސް މާދަމާ ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސާއަށް ނުވަ ޕޮއިންޓަށް ލީޑު ފުޅާ ކުރުމުގެ ފުރުޞަތު އެބައޮތެވެ. މި މެޗުން ބަލިވި އެސްޕަނިޔޯލް މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ.