ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ފަރުމާ ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ މޮޅު ފަރުމާއެއް ހުށަހެޅި 'އެންކްރިއާ ޕްރައިވެޓް ލިމިޓެޑް' އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޑީއެންއާރު އިން ވިދާޅުވިގޮތުގައި، އައި.ޑީ ކާޑު ފަރުމާ ކުރުމަށް އެ ޑިޕާޓްމަންޓުން ކުރި އިޢުލާނާ ގުޅިގެން އެއްވަނައަށް ހޮވިފައި ވަނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އެވެ. އަދި އެ ކުންފުންޏާއެކު އެކަމުގެއެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވިސް ވިދާޅުވިއެވެ.

Ad
rt

ޑީއެންއާރުން ވިދާޅުވިގޮތުގައި އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ވަނީ ނިންމާފައެވެ.

އައިޑީ ކާޑުގެ ފަރުމާ ބަދަލުކުރުމަށް މިދިޔަ އަހަރުގެ ޖޫން 27 ގައި ހުޅުވާލި ނަމަވެސް ޑީއެންއާރުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ގަ އެވެ.

އާ އައިޑީ ކާޑުގެ އެންމެ މޮޅު ފަރުމާއެއް ހުށަހެޅި އެންކްރިއާ އަކީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އާއި ހުސެއިން ޝާޒިފް އާދަމްގެ ބައިވެރިވުން އޮންނަ މިހާތަނަށް ވެސް މޮޅު ފަރުމާތަކެއް އުފައްދާފައިވާ ކުންފުންޏެކެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1984 ތައާރަފް ކުރި ކާޑެކެވެ.