އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާރީޚީ މޮޅެއް ސްޕެޒިއާއިން ހޯދައޮފޮއެވެ.
ރޭ ސްޕެޒިއާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމުން އިންޓަ ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މިއީ ސްޕެޒިއާއަށް އިންޓަގެ މައްޗަށް ކާމިޔާބު ހޯދުނު ފުރަތަމަ މެޗެވެ. މި މެޗުން ބަލިވުމާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ އިންޓައަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ. އިންޓަ ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި އޮތް ލާޒިއޯއަށް 25 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ލާޒިއޯއާއި ބްލޯނިއާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ލާޒިއޯއަށް އެބައޮތެވެ. ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި މިވަގުތު އޮތީ 25 މެޗުން ލިބުނު 47 ޕޮއިންޓާއިއެކު ރޯމާއެވެ. އިޓާލިއަން ލީގުގެ އެއްވަނާގައި މިވަގުތު 15 ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ނަޕޯލީއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ އިންޓައަށެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އިންޓަގެ އާޖެންޓީނާ ފޯވާޑް މާޓިނޭޒް ފޮނުވާލިއިރު، ސްޕެޒިއާގެ ކީޕަރު ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. މި ޕެނަލްޓީ އިންޓައަށް ލިބިފައި ވަނީ ސްޕެޒިއާގެ އޭރިއާތެރެއިން އިންޓަގެ ޑިފެންޑަރ އަމްބްރޯސިއޯއަށް ސްޕެޒިއާ ކުޅުންތެރިން ފައުލް ކުރުމާއި ގުޅިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސްޕެޒިއާއިންނެވެ. މި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެންޒޯލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެނިއަލް މަލްޑީނީއެވެ.
އިންޓައިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އިންޓައަށް މި ޕެނަލްޓީ ލިބިފައި ވަނީ ސްޕެޒިއާގެ ކުޅުންތެރިން އެ ޓީމްގެ އޭރިއާތެރެއިން އިންޓަގެ ޑަމްފްރީސްއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
މެޗުން ސްޕެޒިއާ މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް އިންޓަގެ އޭރިއާތެރެއިން، ޑަމްފްރީސް ސްޕެޒިއާގެ ކޮވަލެންކޯއަށް ފައުލް ކުރުމާއި ގުޅިގެން ދިން ޕެނަލްޓީން އެ ޓީމްގެ އެންޒޯލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މިއީ ރެލިގޭޝަން ޒޯނަށް ނުވެއްޓި ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ސްޕެޒިއާއަށް މުހިންމު މޮޅެކެވެ. އެ ޓީމް މި މޮޅާއިއކު މިވަގުތު އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!