ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އިއްތިހާދް އަތުން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު ބަލިވެއްޖެއެވެ.
ރޭ އަލް އިއްތިހާދްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި އަލް ނަސްރައްވުރެ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ފުރުޞަތު ވެސް ހޯދާފައި ވަނީ އިއްތިހާދުންނެވެ. މެޗުގައި އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު މެޗު ނިންމާފައި ދަނޑުން ފޭބި ވަގުތު އޭނާ ވަރަށް ބޮޑަށް ހިތް ހަމަނުޖެހިފައިވާ މަންޒަރު ވަނީ ފެނިފައެވެ. މިގޮތުން ރޮނާލްޑޯ ވަނީ ދަނޑުން ފައިބަމުން ބެންޗު ކައިރީ ހުރި ފެންފުޅިތަކުގައި ފައިން ވެސް ޖަހާފައެވެ.
މި މެޗުގައި އިއްތިހާދުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމްގެ ޑިފެންޑަރ އަހްމަދު މުޙައްމަދު ޝަރަހްލީ އަލް ނަސްރުގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރަނގަޅު ތަނަށް ކޮންޓްރޯލް ކުރުމަށް ފަޖު ގޯލުގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮމާރިއޯ ރިކާޑޯ ޑަ ސިލްވާއެވެ.
މި މެޗުން މޮޅުވުމާއިއެކު އަލް އިއްތިހާދަށް ވަނީ ކުޅުނު 20 މެޗުން 47 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް އަލް ނަސްރަށް ލިބިފައި ވަނީ 20 މެޗުން 46 ޕޮއިންޓެވެ. އެއްވަނާގައި އިއްތިހާދަށް މިވަނީ އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ތިންވަނާގައި އަލް ޝަބާބް އޮތްއިރު ހަތަރު ވަނާގައި އޮތީ އަލް ތާވުންއެވެ.
އަންނަ އަންގާރަ ދުވަހު އަލް ނަސްރު ކިންގު ކަޕްގައި އަބްހާ ކުލަބާއި ބައްދަލުކުރާނެއެވެ. އަންނަ ހޮނިހިރު އަލް ނަސްރު ލީގުގައި ވެސް ކުޅޭނީ ހަމަ އަލް އަބްހާ ކުލަބާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!