ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްއާއި ޕޯޗުގަލްގެ ސޮޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ރޭ ސްޕޯޓިންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެ ޓީމްގެ ފަބިއޯ ވިއޭރާ ސްޕޯޓިންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ވިލިއަމް ސަލީބާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕޯޓިން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 34 ވަނަ މިނެޓުގައި އެޑްވާޑްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގޮންޒާލޯ އިނާސިއޯއެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓްގެ ތެރޭ ސްޕޯޓިން އިން ވަނީ ލަނޑުޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޕައުލީނިއޯއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނީ 62 ވަނަ މިނެޓުގައި ސްޕޯޓިން އަށް ކުޅެމުން އަންނަ ޖަޕާންގެ ޑިފެންޑަރ މޮރީޓާ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ. މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާއިން ޖާގަ ލިބޭނެއެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު، އިޓަލީގެ ރޯމާ ވަނީ 2-0 ގެ ނަތީޖާއިން ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ސެވިއްޔާއިން ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ފެނަބާޗޭ އަތުން މޮޅުވެފައެވެ.