ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ފަސޭހަކަމާއިއެކު ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ.

ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ.

Ad
rt

ޔުނައިޓެޑް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 7-0 ގެ ނަތީޖާއިން ލިވަޕޫލް އަތުން ބަލިވެފައިވުމާއިއެކު، ރޭގެ މެޗަށް އެ ޓީމް ނުކުތީ މީޑިއާގެ ގިނަ ފާޑުކިއުންތަކެއް އެ ޓީމަށާއި ޓީމްގެ ބައެއް ކުޅުންތެރިންނަށް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް ރޭގެ މެޗުން ހޯދި ރަނގަޅު ނަތީޖާއާއިއެކު ޔުނައިޓެޑަށް އަމާޒުވީ ފާޑުކިޔުންތަކަށް ވަނީ ލުޔެއް ލިބިފައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ 6 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑެވެ. މިއީ އޭނާ މި ސީޒަންގެ ޔޫރޮޕާ ލީގުގައި ޖެހި ފަސްވަނަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެޓިސް އިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 32 ވަނަ މިނެޓުގައި ހުއާންމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަޔޯޒޭ ޕެރޭޒް އެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެ ޓީމްގެ ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެންތަނީ ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު އޭގެ ހަ މިނެޓް ފަހުން ލުކާ ޝޯ ބެޓިސްގެ ގޯލު ކުރިމަށްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ފެނާންޑޭޒް އެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ވުޓް ވެގްހޯސްޓެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އެ ރޭ 22:45 ގައެވެ.