މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ އެއްބަސްވުންތަކުގައި އެ ދެފަރާތުން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، އެ އަތޮޅުގެ ޑަބްލިއުޑީސީގެ ރައީސާއިންނާއި އެކު މިއަދު އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވު ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ޑަބްލިއުޑީސީތަކުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އެ އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިޔާމް ވިދާޅުވެފައި ވަނީ އެ އަތޮޅު ރަށްތަކުގެ ޑަބްލިއުޑީސީތަކާއި ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ޤާނޫނީ ގޮތުން ޑަބްލިއުޑީސީތަކަށް މަތިކުރައްވާފައިވާ ޒިންމާތަށް ފުރިހަމަ ގޮތުގައި އަދާކުރުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

އެ އަތޮޅު ރަށްތަކުގައި މި ޕްރޮގްރާމްގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޮޑެތި މީހުންގެ ތަޢުލީމް ކުރިއެރުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި މެޑިކަލް ކޭމްޕްތައް ހިންގުން ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.

ސިޔާމް އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްތައް ހިންގުމުގައި އަތޮޅު ކައުންސިލުގެ ދައުރަކީ ކަންކަން ފަހިކޮށް ދިނުން ކަމަށެވެ.

"މިސާލަކަށް އެއް ރަށަކުން ބޭނުންވެދާނެ މެޑިކަލް ކޭމްޕް ހިންގަން، އެހެންވެއްޖެ ނަމަ އަތޮޅު ކައުންސިލުން އެކަމަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ" ސިޔާމް ވިދާޅުވެފައި ވެއެވެ.

މިގޮތަށް ދެފަރާތް ގުޅިގެން ޕްރޮގްރާމްތައް ހިންގުމުން މަޤުޞަދުތައް ހާސިލް ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަން ސިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.