ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަން ނިންމައި، އެ ފަރާތްތައް ގުރުއަތުން ހޮވައިފިއެވެ.
އެފަރާތްތައް ހިވާފައިވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމާއި އެ ކުންފުނިން ދޭ ހައްޖާއި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
ސްޓެލްކޯ އިން ބުނީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުން ކަމަށެވެ. އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުން ކަމަށެވެ.
މި މުވައްޒަފުންގެ މެދުގައި ޤުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވިފައި ވަނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ ޢަބްދުﷲ ޝަރީފް އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގެ ޙަދީޖާ ތައުފީޤާ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވަނީ ސާރވިސް ސެންޓަރުގެ ޝާހުލް ހަމީދު އާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ފާތިމަތު ރިޒްނާ އެވެ.
ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!