"ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ.

އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. އަދި ބިމުގެ ބާކީބައިގައި ވަޅާއި ޕަންޕު ބަހައްޓާ ޒަމާނީ އިރިގޭޝަން ސިސްޓަމެއް ޤާއިމްކޮށްފައިވާ ކަމަށެވެ.

ދަނޑުގެ ބޮޑުބަޔަކަށް ސެމީއޮޓޯމެޓިކްކޮށް ފެންދެވޭނެ ގޮތް ހަދާފައިވާއިރު، ދަނޑަށް ފެންދިނުމަށް ދަނޑުވެރިން 2 ގަޑިއިރާއި 3 ގަޑިއިރު ހޭދަކުރަންޖެހޭނެ ކަމަށާއި މި އިރިގޭޝަން ސިސްޓަމްގެ އެހީގައި މަދުވެގެން 20 މިނެޓް ތެރޭގައި މުޅި ދަނޑަށް ފެންޖަހާ ނިންމާލެވޭނެކަމަށް ވެސް ބުނެއެވެ.

ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ބޭނުންވާ ގަސްކާނާއާއި މުޑުވަށް އަދި ބޭސްފަދަ ހުރިހާ ވަސީލަތެއް އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ފޯރުކޮށްދީފައިވާ ކަމަށާއި ފަރޓިގޭޝަން ސިސްޓަމްއާއިބެހޭ މަޢުލޫމާތާއި ދަނޑުވެރިކަމުގެ ފަންނީ އެހީތެރިކަން ވެސް ދަނޑުވެރިންނަށް ދީފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

އެފަރާތުން ބުނީ ކުރިއަށް އޮތް 6 މަސަދުވަހުގެ ތެރޭގައި މިގްރީން ހައުސްތަކުގައި ދަނޑުވެރިކަންކޮށްގެން މާކެޓަށް ބައެއް ބާވަތްތައް ނެރެވޭނެކަމަށެވެ. ދަނޑުވެރިން ހައްދާ ހުރިހާ ބާވަތްތަކެއް އެއްއަހަރު ވަންދެން އެގްރޯނެޓުން ގަންނާނެ ކަމަށާއި 1 އަހަރު ހަމަވުމުންވެސް ދަނޑުވެރިންނަށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމް މެދުވެރިކޮށް ހައްދާ ބާވަތްތައް ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.