އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ. މިލާން އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފައި ވަނީ 2011/12 ސީޒަންގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި މިލާންގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިލާން ކުއާޓާއިން ޖާގަ ހޯދާފައި ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލީ މިލާނުންނެވެ. ޓޮޓެންހަމްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މިލާންގެ މެސިއަސް ފޮނުވާލި ހަމަލާ ގޯލު ދަނޑި ކައިރިން ބޭރައްދިޔައިރު، މި ހާފުގައި ޓޮޓެންހަމްގެ ފޯވާޑް ކޭން ފޮނުވާލި ބާރު ޝޮޓް މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި މިލާންގެ ބްރަހިމް ޑިއާޒް ފޮނުވާލި ދެ ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު މަތަކުރި އިރު، ޓޮޓެންހަމްގެ ހޮއިބިއާ މިލާންގެ އޭރިއާތެރެއިން ޖާގަ ހޯދައި ފޮނުވާލި ހަމަލާ ވެސް މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރޭގައި ދެ ޓީމްގެ ފަރާތުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުމަކުން މިލާންގެ އޭރިއާތެރެއަށް ކުޅުނު ބޯޅައިގައި ކޭން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ މިލާންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭ މިލާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި ހުހަށް ލިބުނު ބޯޅަ އޮރީގީ ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ޓޮޓެންހަމްގެ ގޯލުގެ ދަނޑިއަށެވެ.

މި މެޗު ޓޮޓެންހަމުން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 77 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑިފެންޑަރ ކްރިސްޓިއަން ރޮމެއިރޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާފައެވެ.