152 އިންޖިނިއަރުންނާއި އެކު ފެނަކައިން ”އިންޖިނިއަރުންގެ މަހާސިންތާ” ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށް "އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019"ގެ ނަމުގައި މަހާސިންތާއެއް ފަށައިފި އެވެ.

Ad
rt

މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި އެ މަހާސިންތާ ޝަރަފްވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް، ޚަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފެނަކައިން ބުނީ އެ މަހާސިންތާގައި އެ ކުންފުނީގެ 152 ބްރާންޗްއިން 189 މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އެ މަހާސިންތާ މިރޭގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފެނަކައިން މިހާރު ކަރަންޓް ފޯރުކޮށްދެމުންދާ ރަށްރަށުގައި މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދީ އެ ރަށްރަށުގެ އިންޖީނުގެއަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމުގެ ގޮތުން ފެނަކައިގެ އިންޖިނިއަރުންނާއި ބްރާންޗްތަކުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުން އެއްތާކުން ބައްދަލުވެވޭނެ ގޮތް ހޯދައިދިނުމުގެ ގޮތުން ފެށި މަހާސިންތާއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޖިނިއަރިން މަހާސިންތާއެއް މިއަދު ފެށިއިރު ފެނަކައިން ދާދި ފަހުން ވަނީ އެ ކުންފުނިން ހިދުމަތްތައް ދެމުންދާ ރަށްރަށުގެ އިންޖީނުގެތަކުގެ ބަދަލުގައި އާ އިންޖީނުގެތައް އަޅައި އެ ރަށްރަށުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް ކަރަންޓް ދޭ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރުމުންނެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް "ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު" އިފްތިތާޙްކޮށްދެއްވާފައެވެ.