ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓް ގާއިމުކުރަން ބިމެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި އެރަށުގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމްވެގެންދާނީ ކޮންއިރަކުތޯ ސުވާލު ކުރެއްވުމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތްކުރަމުންދާ ކަމަށާއި ލަސްވަމުންދަނީ ތަނެއް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި ތަނެއް ލިބޭތާ ތިން މަސްދުވަސް ތެރޭގައި ޕޮލިސް ޕޯސްޓް ގާއިމްކުރެވިގެންދާނެކަމަށެވެ.

"އާންމު ގޮތެއްގައި އެކަން ކުރާ އުސޫލަކީ ކައުންސިލާއި މަޝްވަރާކޮށް ކައުންސިލުން ބިމެއް ކަނޑައެޅުމުން އެބިމުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަނީ. އެކަމަކު ކުމުންދޫގެ ކައުންސިލްގެ ބެލުމުގެ ދަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް އެކަށީގެންވާ ބިމެއް ނެތް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ. އެހެންވެ ލަސްވަމުން ދަނީ." އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެރަށުގައި ޕޮލިސް ޕޯސްޓު ހެދުމަށް ތަނެއް ހޯދުމަށް ތިން ފަހަރަށް އިއުލާންކުރެވުނު ކަމަށާއި އެކަމަށް އާންމު ފަރާތަކުން ހުށަހެޅީ ފުރަތަމަ ފަހަރު އެކަނިކަމަށެވެ. އަދި އެފަހަރު ހުށަހަޅާފައިވަނީ ފުދޭވަރެއްގެ ބޮޑު އަގެއް ކަމަށެވެ.

މީގެ އިތުރުން ކުއްޔަށް ތަނެއް ނަގައިގެން ވެސް އެކަން ކުރަން ތިބީ ތައްޔާރަށް ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ވެސް ކުރެވޭނީ އެކަށީގެންވާ އަގެއްގައި ހުށަހެޅުމުންކަމަށް ވެސް ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ ކުމުންދޫގައި ޕޮލިސް ޕޯސްޓު ހެދުމަށް ބޭނުންވާ ބިން ހޯދުމުގައި އެރަށު ކައުންސިލާއި ދާއިރާގެ މެމްބަރުގެ އެހީތެރިކަން މިހާރުވެސް ލިބެމުންދާކަން ފާހަގަ ކުރައްވާފައެވެ.

ކުމުންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރެވިފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު މަޝްވަރާކުރެވުނު ރަށްތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި ވަނީ ހަމައެކަނި މަކުނުދޫގައި ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.