އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތް ލަނޑުޖަހައި އެ ޓީމް ލަދުގަންނަވާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 7-0 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެވެ.
މި މެޗާއި ކުރިމަތިލީއިރު މެންޗެސްޓާ އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެ ޓީމުން ވަނީ މީގެ ހަތް ދުވަސްކުރިން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އެއީ 2017 އަހަރުގެ ފަހުން އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ.
ޔުނައިޓެޑް މި މެޗުން ބަލިވެފައި މިވަނީ ބަލިނުވެ 12 މެޗު ހަމަކުރުމަށް ފަހުއެވެ. ނަމަވެސް މިރޭ ޔުނައިޓެޑާއި ދެކޮޅަށް ތަފާތު ދެއްކި ލިވަޕޫލް މި ސީޒަންގައި ނަތީޖާ ދައްވެ ޕޮއިންޓް ތާވަލުގެ މެދަކާއި ހިސާބަށް ވެއްޓުމަށް ފަހު ނަތީޖާ ރަނގަޅުވާން ފަށާފައިވަނިކޮށް މިރޭ ޔުނައިޓެޑްގެ މައްޗަށް ހޯދުނު ބޮޑު މޮޅަކީ އެ ޓީމަށް ކުރިއަށްދާން އިތުބާރަކަށް ވާނެއެވެ.
މިވަގުތު ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު، މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައި ގަދަ ހަތަރެއްގެ އިތުބާރު ބޮޑު ކޮށްފައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ. ހަތަރު ވަނާގައި މިވަގުތު އޮތް ޓޮޓެންހަމަށް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދިފައި ވަނީ 45 ޕޮއިންޓެވެ. މެޗުން ބަލިވި ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު 25 މެޗުން ލިބުނު 49 ޕޮއިންޓާއި އެކު ތާވަލުގެ ތިން ވަނާގައެވެ.
މިރޭ މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ލިވަޕޫލުން ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ރޮބާޓްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ގަކްޕޯއެވެ.
މެޗުގެ ދެވަނަ ހާފުފަށައި ޔުނައިޓެޑަށް މެޗު ތެރެއަށް ނުވަދެވި އުޅެނިކޮށް ލިވަޕޫލުން ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 47 ވަނަ މިނެޓްގައި އެލިއޮޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑާވިން ނުނޭޒްއެވެ. މި ލަނޑާއިއެކު ލިވަޕޫލުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލައި ފުލުފުލުގައި ޔުނައިޓެޑްގެ ކޮޅަށް ލަނޑުތައް ޖަހާފައެވެ.
ލިވަޕޫލުގެ ތިންވަނަ ލަނޑު 50 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގަކްޕޯ ކާމިޔާބުކުރި، ހަތަރުވަނަ ލަނޑުނ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހް އެވެ.
ލިވަޕޫލުގެ ފަސްވަނަ ލަނޑު 75 ވަނަ މިނެޓުގައި ހެންޑަސަން ހުރަސްކުރި ބޯޅައަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނުނޭޒް ކާމިޔާބު ކޮށްދިންއިރު، ހަވަނަ ލަނޑު 83 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަލާހް އެވެ. މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތްވަނަ ލަނޑު ޖެހީ ފިރްމީނޯއެވެ.
މި މެޗުގައި ސަލާހް ކާމިޔާބުކުރި ދެ ލަނޑާއިއެކު އޭނާ ވެފައި ވަނީ ލިވަޕޫލަށް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ސަލާހް ލީގުގައި ލިވަޕޫލަށް ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ 129 އަށް އަރާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ލިވަޕޫލަށް ލީގުގައި 128 ލަނޑު ޖަހައިދިން ރޮބީ ފައުލާ އަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!