ފުވައްމުލަކު ސިޓީގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެކާއި ތައިލެންޑް ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
''މި އޮޕަރޭޝަންގަައި ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެެނަކު ވަނީ ހައްޔަރުކޮށްފައި،'' ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީގެ ގެސްޓް ހައުސްއަކުން ވެސް ވަނީ ހަށިވިއްކަމުންދިޔަ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފައެވެ. އެރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު، 43 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ އުމުރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެއް ހައްޔަރުކުރިއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖެހިގެން ފެބްރުއަރީ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިޔުމުން ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ޝަރުތުކޮށް ވަނީ ދޫކޮށްލާފައެވެ. އަދި ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. ބިދޭސީ ދެ އަންހެނުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ދިނީ އެއް ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!