1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
ސައޫދީ ސަރުކާރުން މިދިޔަ އަހަރު ވެސް ރަމަޟާން މަހާއި ދިމާކޮށް 50 ޓަނު ކަދުރު ހަދިޔާ ކުރިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގަވާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ކަދުރު ލިބިފައި ވަނީ ރޯދަ މަސް ނިމުނު ފަހުންނެވެ.
މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ކަދުރު ބެހުމުގައި ޢަމަލުކޮށްފައި ވަނީ، މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު އެ މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ.
މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިދިޔަ އަހަރު ކަދުރު ބަހާފައި ވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާފައި ވަނީ އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!