ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިން އަށް ހާއްސަ، ''ވަދު ކަނދުފަތި'' އެޅުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށަައިފިއެވެ.
މަސްވެރިކަމާބެހޭއި ދަނޑުވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި، ސްޕޯޓްސް ފިޝިން އާއި އަދި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.
އެ ވުޒާރާއިން ވިދާޅުވީ 2021 ވަނަ އަހަރު ވަނީ މިފަދަ މަސްވެރިކަމުގެ ވައްތަރުތަކަށް އަޖުމަބެލުމުގެ ގޮތުން ކަނދުފައްޗެއް ފަރުމާކޮށް އަޅާފައެވެ. އަދި އެ ކަނދުފަތީގެ ނަތީޖާއަށް ބެލުމަށްފަހު ގެންނާންޖެހޭ ބަދަލުތައް ގެނެސް މިއަދު ފެށި ޕްރޮގްރާމްގެ ދަށުން ދެކުނުގެ ހަތަރު ސަރަހައްދެއް ސާވޭކޮށް، އެ ސަރަހައްދުތަކުގައި ވަދު ކަނދުފަތި އަޅާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ކަނދުފަތި އަޅަން ނިންމާފައި ވަނީ ގއ. ޏ އަދި ސ އަތޮޅުގައެެވެ. އަދި އިތުރު އަތޮޅުތަކުގައި ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ވެސް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކަނދުފަތިތަކާއެކު މަސްވެރިކަން ތަޖުރިބާކޮށްލަން ރާއްޖެ އަންނަ ފަތުރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވި، ޒުވާނުންނަށް އާމްދަނީ ހޯދުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ކަނދުފަތިތައް ފަރުމާކޮށްފައި ވަނީ، ދުރައް ފެންނަ ފަދަ ބައްތިތަކާއި، ކަނދުފަތި އޮތްތަން އުޅަނދުތަކަށް ދެނެގަނެވޭފަދަ ''ރަޑަރ ރިފްލެކްޓަރ'' އާއިއެކުގައެވެ. މި ކަނދުފަތިތައް ފަރުމާކޮށްފައިވާނީ ވަކިކުރަން ފަސޭހަވާނެހެން ނުލުގެ އުދަރެހަކާއެކު ރީނދޫ ކުލައިގައި ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފަވެއެވެ. އަދި ރަށްރަށާއި 3 މޭލާއި 6 މޭލާއި ދެމެދު ދުރުމިނުގައި ވަދު ނަނު މަސްވެރިކަމާއި، ސްޕޯޓްސް ފިޝިންއަށް ޚާއްސަ ކަނދުފަތިތައް އަޅާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!