ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވިކަމަށް ތުހުމަތުވާ މައްސަލައެއްގައި ތިން މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ތިން މީހަކު ވަނީ، މާލޭ، އަޅިވިލާ މަގުގައި ހުންނަ ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާފައެވެ.

Ad
rt

އެ ސްލިޕަކީ ސައްހަ ނޫން ސްލިޕެއްކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އެ ތިން މީހުން ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން އެމީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން އެ ތިން މީހުން ފެންނަ ވީޑިއޯއެއް އާންމު ކުރައްވައި، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފުލުހުން އާންމު ކުރެއްވި އިތުރު ވީޑިއޯއެއްގައި ފެންނަ މީހަކު ހޯދުމަށް ވެސް ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ އަކީ މީހާއަކީ 4 ޖަނަވަރީ 2023 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ކުއްޅަވަށްގޯޅި ތެރޭގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ކުރީ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

އެ މައްސަލައާއި ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަކީ ކާކުން ދެނެގަނެވިފައިނުވާތީ އޭނާ މިހާތަނަށް ހޯދިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އެ މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި އެކަން ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.