އެކުވެރި ދައުލަތްތައް (އދ) އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މިއީ އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްއެވެ. ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް ލިބޭ ޤައުމުތަކުގެ ދަރަޖައަށް ބަދަލުކުރެވުނު ތިންވަނަ ޤައުމުގެ ގޮތުގައި ރާއްޖެ ހިމެނިފައިވާއިރު، އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ގޮތުގައި 46 ޤައުމެއް ހިމެނެއެވެ. އެ ޤައުމުތަކަކީ، މަދުން އާމްދަނީ ލިބޭ އަދި ޢުމުރާނީ ތަރައްޤީއާ ދެމެހެއްޓެނިވި ތަރައްޤީގެ ހުރަސްތައް އޮތް ޤައުމުތަކެވެ.
މިފަހަރުގެ ކޮންފަރެންސްގެ އަމާޒަކީ، ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކޮށް، ތަނަވަސްކަން އިތުރުކުރުމަށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.
އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ، އެ ގްރޫޕް އުފެދުނުތާ 50 އަހަރު ފުރުން ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!