ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ސްޓުޓްގާޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން އަނެއްކާ ވެސް ޖެހިލައިފިއެވެ.

ރޭ ސްޓުޓްގާޓްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ލައިޕްޒިގެ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ޑޯޓްމަންޑް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި ވަނިކޮށް، ބަޔާނުން ރޭ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދައި ޕޮއިންޓްގެ ގޮތުން ޑޯޓްމަންޑާއި އަރާ ހަމަކޮށް ފައިދާ ގޯލުގެ ތަފާތުން ވަނީ އެއްވަނައަށް ޖެހިލާފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބަޔާނަށާއި ޑޯޓްމަންޑަށް ކުޅުނު 23 މެޗުން 49 ޕޮއިންޓް ވަނީ ލިބިފައެވެ.

ރޭގެ މެޗުގައި ބަޔާނަށް ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި ޖަމާލް މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ޑި ލީޓެވެ.

ބަޔާނުން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައި ވަނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޗޫޕޯ މޯޓިން އެވެ.

ސްޓުޓްގާޓުން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ތޯމަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕެރެއާއެވެ.